
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ،ހައުސިންގ އެންޑް އާބަން ޑެވެލޮޕްމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ،ސްޓޭޓް މިނިސްޓަރ އަލްއުސްތާޒް ޔޫސުފް އަބުދުލްގަފޫރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންް ޑިރެކްޓަރު ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ. މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއު ނިމުމާ އެކު ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ އެވެ.މާލޭގައި މިހާރު ހުރި ހުރިހާ ކޯޓުތަކެއްގެ ހާލަތު ވެސް ވަރަށް ބޮޑަށް ދަށެވެ. އެ ތަންތަން ހިންގަމުންދާ އިމާރާތް ބާވެފައިވުމުން ވިއްސާރަ މޫސުންތަކުގައި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭ ފަހަރު ވެސް އާދެ އެވެ. ކޯޓުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ލަސްވެ، ބޮޑެތި ކުށްވެރިން ދޫކުރަންޖެހުމުގެ ކަންބޮޑުވުން ވެސް ބޮޑެވެ.އެކަމަށް ހައްލެއް ގެނައުމަށް ހުޅުމާލޭގައި ކޯޓު ކޮމްޕްލެކްސެއް އެޅުމުގެ ވާހަކަތައް ދެކެވޭތާ އަހަރުތަކެއް ވަނީ ވެފަ އެވެ.ކޮންމެ ދުވަހަކު ވެސް ޖިނާއީ ގިނަ މައްސަލަތަކެއްގެ ޝަރީއަތް ބާއްވާ މާލޭ ކްރިމިނަލް ކޯޓުގެ ހާލަތު ދަށްވެ، އެ ތަނުގައި މަސައްކަތްކުރެވޭ ވަރު ނުވެގެން، މިހާރު އެ ތަނުގެ ގިނަ މައްސަލަތައް ހިންގަނީ ހުޅުމާލޭގައި ތަރައްގީކުރި ވަގުތީ އިމާރާތުގަ އެވެ.