
ހައި ކޯޓުން ބުނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފްކުރި މައްސަލަ ބޭރުކޮށްލީ އަމުރު ދޫކުރިކަމަށް މައުލޫމާތު ލިބުނު ވަގުތަށްވުރެ 48 ގަޑިއިރު ފަހުން ހުށަހެޅުމުން ކަމަށެވެ. އަދި ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުން 7 ދުވަސް ތެރޭގައި އިސްތިއުނާފްކުރުމުގެ ފުރުސަތު އޮންނާނެކަމަށް ކޯޓުން ބުންޏެވެ. އަލީ ވަޙީދު ފުރާފައިވާއިރު، ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު ނެރުނު އަޑުއެހުން ބާއްވާފައިވަނީ 9 ފެބްރުއަރީގައެވެ. އެހެންނަމަވެސް، އަމުރު ނެރުނު ތާރިޚެއްކަމަށް ޕީޖީ އޮފީހަށް ލިބުނު ލިއެކިއުންތަކުގައި އޮތީ 10 ފެބްރުއަރީއެވެ. އަދި އަލީ ވަޙީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ޕީޖީ އޮފީހަށް ލިބިފައިވަނީ 11 ފެބްރުއަރީގައިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވެއެވެ.ޕީޖީ އޮފީހުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށް ބެލެވެ އެވެ.