
ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ނުވަތަ ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ގުޅިގެން ފަށާ އިސްލާހީ ހަރަކާތް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި އުމަރު މިރޭ ވިދާޅުވީ އޭނާގެ ނަޒަރުގައި މިހާރު ސިޔާސީ މަސައްކަތްތައް ހާއްސަވެފައިވަނީ ވައްކަން ކުރާ މީހުންނަށެވެ. އަދި ސިޔާސީ ގިނަ ޕާޓީތައް ހިމެނޭ ނިޒާމް ތައާރަފް ކުރިތާ 16 އަހަރުވީ އިރު، ދައުލަތުން ގެއްލުނު ފައިސާ އާއި ގައުމު ދޫކޮށް ދިޔަ ތައުލީމީ ތަޖުރިބާ ހުރި މީހުންގެ ސަބަބުންނާއި ޕާޓީތަކުން ވެރިކަން ކުރިގޮތުން އެންމެން ވެސް ސިޔާސީ ޕާޓީތައް ދެކެ ފޫހިވެއްޖެ ކަމަށް ވިދާޅުވި އެވެ."ދިވެހިން މިހާރު އިންތިޒާރު ކުރަނީ ތައުލީމާއި ތަޖުރިބާހުރި، ތެދުވެރި އިހްލާސްތެރި ޓީމެއް ފެންނާނެ ދުވަހަކަށް. މި ދައުލަތް އަލުން ތަރުތީބުކޮށްދޭނެ އާ ބަޔަކަށް،" ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.