
ޒަހާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި މިނިސްޓަރުކަމަށް ވަޑައިގަތް ބޭފުޅެކެވެ.ރައީސް އޮފީސް ޓެގް ކުރައްވައި މައުމޫނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޒަހާއަށް އެމްއާރްއެމްގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީއަށާއި ގައުމަށް ކޮށްދެއްވަނީ ފާހަގަކޮށްލެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހަށް އިދިކޮޅު ކޯލިޝަންގެ މެންބަރުން މިއަދު ވަނީ މަޖިލީހަށް މައްސަލަ ހުށައަޅާފައެވެ. ދިހަ މެންބަރުން ސޮއިކުރައްވާ ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، އަދި މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދާ މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ކުރެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދިނުމަށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓްރީތައް ގާއިިމު ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކެއް ނަމަވެސް އެ ވައުދުތައްވެސް ފުއްދިފައިނުވާ ކަމަށެވެ.