ޚަބަރު
ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ބާތިލު ކޮށްފި
ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް ފަހު އެ ހުކުމް ބާތިލް ކުރަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ދިބާޖާ މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން ނިންމީ އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭ ކަަމަށެވެ. އެކަމަކު ހައި ކޯޓުން އެ ހުކުމް ބާތިލްކުރީ އެވެ.

ހައި ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދީބާޖާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، މައްސަލައިގެ މައުލޫއާ ގުޅޭ ގޮތުން އެއްވެސް ޝަރީއަތެއް ހިންގެވުމަކާ ނުލައި ބޮޑު ބަދަލެއް ދޭން ނިންމެވީ އެވެ. އެއީ، ދައުލަތުން ހައިކޯޓަށް މައްސަލަ ވެއްދީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނާ ނުކުތާގެ އަލީގަ އެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެގްރިމަންޓް ބާތިލުކުރަން ސުޕްރީމް ކޯޓުން ނެރުއްވީ މިހާރު މަގާމުން ވަކި ކުރައްވާފައިވާ ފަނޑިޔާރުން ބެންޗުގައި ތިއްބަވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމުގައި ވަނީ ހައިކޯޓަށް މައްސަލަ ބަލައިގަނެފައިވަނީ މުއްދަތު ހަމަވި ފަހުން ކަމުން އެ ކޯޓުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ގޮތުގައި ކަނޑައަޅާ ކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލް ކުރަންޖެހޭ ކަމަށާއި ހައި ކޯޓުގެ ހުކުމުގެ ސައްހަކަމާ މެދު މި މައްސަލައިގެ ތެރެއިން ގޮތެއް ނުނިންމޭނެ ކަމަށް ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމުގައި ބުނެ އެވެ.

"ހައިކޯޓުން ކުރި ހުކުމް ކަމު ނުދާ، ނުވަތަ ގާނޫނީ ގޮތުން ހަމަ ނުޖެހޭ އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނުވޭ. އަދި ސިވިލް ކޯޓުގެ ނިންމުމަކީ ގާނޫނީ ގޮތުން އެކަށޭނެ ނިންމުމެއްކަން ނުވަތަ ނޫން ކަމާ މެދުވެސް އެއްޗެއް ބުނެފައި ނުވޭ،" ހުކުމުގައިވެ އެވެ.

ކުރީގެ ހުކުމް ބާތިލް ކުރުމުން ހައިކޯޓުން ކޮށްފައިވާ ހުކުމް ދެމެހެއްޓޭނެ ކަމަށާއި އެހެންކަމުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީބާޖާ އަށް ލިބިގެންދާނެ ކަމަށްވެސް ހުކުމުގައިވެ އެވެ. މި މައްސަލަ ނިމޭ ދުވަހުން ފެށިގެން ބަންދު ނޫން 15 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ކުރަން ހަސްމުންނަށް ފުރުސަތު ލިބޭނެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު