
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި ވަނީ މިރޭ، އއ. ރަސްދޫގައި ބޭއްވެވި 'ރަށްވެހި ފަތިސް' ލާމަރުކަޒީ ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ކޮންމެ ރައްޔިތަކަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް ލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމަށް ލުއިލޯނު ސްކީމެއް ތަޢާރަފުކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ފައިސާގެ ދަތިކަމާހުރެ މަސައްކަތްކުރިޔަށް ނުގެންދެވި ނުވަތަ ހަލުވި މިނެއްގައި މަސައްކަތް ކުރިޔަށްނުގެންދެވި ތިބި އަތޮޅުތަކުގެ ރައްޔިތުންނަށް ލުއި މަގެއް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުތަކެކޭ އެއްފަދައިން މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވައި ލައްވާފައެވެ. އެގޮތުން މިހާރުވެސް މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ލުއި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން މިއަހަރުވެސް 5000 ހައުސިންގ ޔުނިޓެއް އެޅުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ."މިއަންނަ 2022 ވަނަ އަހަރު ހަމައެކަނި އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ އިރާދަ ކުރެއްވިއްޔާ ބަޖެޓްކުރާނަން. އެ ބަޖެޓާއެކު، ރާއްޖޭގެ އެކި ރަށްރަށުގައި ހިޔާވަހިކަން ފަތުރާލެވޭނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.