ޚަބަރު
ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލަ މިއަދު ބަލައިގެންފި އެވެ.

ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ދަށު ކޯޓާއި ހައިކޯޓުން ރައީސް ޔާމީނާ ދެކޮޅަށް މައްސަލަ ނިންމުމުން ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މީގެ ދެ ހަފްތާއެއް ކުރިންނެވެ.

މައްސަލަ ބަލައިގެންފައިވީ ނަމަވެސް އަޑުއެހުންތައް ފަށާނެ ވަކި ދުވަހެއް ސުޕްރީމް ކޯޓުން އަދި ހާމަކޮށްފައެއް ނުވެ އެވެ. 

ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށް ވަނީ ސާބިތުވެފަ އެވެ.

މި މައްސަލާގައި ޔާމީން ޖަލަށް ލައި ޖޫރިމަނާކުރަން ހުކުމްކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 500 ދުވަސް ހަމަވި އިރު އެމަނިކުފާނު ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ އާއި ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުހައްމަަދު ސޯލިހަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވައި ސިޓީ ލައްވާފަ އެވެ.

މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެދުވަހު ރައީސް ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް ދީދީ ސިޓީއެއް އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާތީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުގައި ގޮތްތަކެއް ނިންމަން ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށް ވެސް ދެރަ ގޮތެއް ނުވާނެ،" ރައީސް ވިދާޅުވެފައިވެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު