ޚަބަރު
އަލީގެ ޣައިރު ހާޒިރުގައި ޕާސްޕޯޓް ދޫކުރި މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓު
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާފު އޭނާގެ ޣައިރު ހާޒިރުގައި ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލްކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި އަލީ ވަހީދުގެ އެޑްރެހާއި އީމެއިލް ކަމަށް ބުނެ ޖަހާފައިވާ އެއްވެސް އެއްޗަކުން އޭނާ އާއި މުއާމަލާތު ކުރެވިފައި ނުވާތީ އާއި އޭނާ އުޅޭ ވަކި ތަނެއް ވެސް ދައުލަތަށް އޮޅުންފިލުވައި ދެވިފައި ނުވާ ކަމަށް ކަނޑައަޅައި ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމި ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެކަން މުރާޖައާކުރުުމަށްފަހު އެވެ. ސުޕްރީމް ކޯޓުން މައްސަލަ އެގޮތަށް ނިންމީ ޝަރީއަތުގެ މަޖިލީހެއް ބާއްވައިގެން ނޫނެވެ.

ސުޕްރީމް ކޯޓުގެ ނިންމުން ދައުލަތާ ދެކޮޅަށް މިއަދު އައިސްފައި މިވަނީ ޖިނާއީ ދައުވާތަކުގައި ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން ކުރިން ކޮށްފައިވާ ހުކުމަކާ ވެސް ހަވާލާ ދިނުމަށްފަހު އެވެ.

"ކަންމިހެން އޮތުމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި ޖިނާއީ މައްސަލައެއްގައި ކޯޓަކުން ނެރެފައިވާ އަމުރަކާ ގުޅިގެން ހިންގޭ އިސްތިއުނާފީ ޝަރީއަތުގެ މަޖިލީގެއް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދާނަމަ އެކަން މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ހުއްދަކޮށްފައި އޮންނަންވާނެ، މިއީ ގާނޫނީ މާއްދާތަކެއް މާނަކޮށްގެން ކުރުން ގާނޫނު އަސާސީ ހުއްދަކޮށްފައިވާ ކަމެއް ނޫން،" ނިންމުމުގައިވެ އެވެ.

މި ނިންމުން ނިންމެވީ، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މުހައްމަދު އިބްރާހިމްގެ އިއްތިފާގުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ކްރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކޮށްލުމުން އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިއުމުން ޝަރީއަތް އޮތީ ކުރިއަށް ނުގެންދެވިފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހަށް ކަމަށް ކުރިން އެނގިފައި އޮތަސް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ ހަތަރު މަސް ކަމަށް އޮތީ އަލީ ވަހީދު ފުރައިގެން ދިޔައިރު އޭނާއާ ޖާމިނުވެފައިވާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ސޮއިކުރެއްވި ލިޔުންތަކުގައި ކަމަށެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނާ މުވައްޒަފުންގެ އަދަދު 13 އަށް ވުރެ ގިނަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާ އެވެ.

އެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވަ އެވެ. ޖާމިނުވާނެ ފަރާތެއް ހުށަހެޅުއްވުމުން އަލީ ވަހީދުގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލީ، ޕާސްޕޯޓްގެ ބަދަލުގައި ބޭހަށް ބޭރަށް ވަޑައިގަތުމަށް ވަގުތީ ލިއުމެއްގެ ދަށުން ފުރުއްވުމުގެ ހުއްދަ ދޭން ފެންނަ ކަމަށް ޕީޖީން ކޯޓުގައި އެދިފައި އޮއްވަ އެވެ. އޭނާ ބޭރަށް ވަޑައިގަންނަވާ ސަބަބެއް ކަމަށް އެދިވަޑައިގެންފައި އޮތީ ބަދައިގެ އޮޕަރޭޝަނަކަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިހާރު ދަނީ ބަލަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓްގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް އެ ކޯޓްގެ ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެެ. އަދި އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާމެދު އަމަލު ކުރާ ގޮތާއި ތަފާތު ގޮތަކަށް ކަން ކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު