ޚަބަރު
ޓެރަރިޒަމާ ދެކޮޅަށް އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފި
ޓެރަރިޒަމާ ދެކޮޅަށް އައްޑޫ ސިޓީގައި ސިފައިންނާއި ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ޓެރަރިޒަމާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އައްޑޫ އިން ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ނަމަވެސް އެ މީހުން ހައްޔަރުކުރި ވަކި ސަބަބެއް ފުލުހުން ބުނެފައެއް ބުނެފައެއް ނުވެ އެވެ.

ހައްޔަރުކޮށްފައިވާ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް އެނގިފައިވެ އެވެ. 

މި މަހުގެ ހަވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން، މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝިދަށް ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ގ. ކެނެރީގޭ ކައިރީ މަޖީދީ މަގުން ނީލޯފަރު ގޯޅި ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި އައީއީޑީއެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި އެމަނިކުފާނުގެ އިތުރުން، އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި، އިތުރު ދެ މީހަކަށް އަނިޔާވި އެވެ.

އެ ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުންގެ އެލާޓް ލެވަލް ވަނީ މަތިކޮށްފަ އެވެ. އަދި އިއްޔެ ވަނީ ލިބުނު "މައުލޫމާތަކާ" ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ވެސް މަތިކޮށްފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ ގޮތުގައި ތިބި ކަމަށް އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވާ 1300 މީހުންނަށް ވުރެ މިހާރު އެ އަދަދު އިތުރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން ހަމަލާއާއި ގުޅިގެން ހިންގާ އޮޕަރޭޝަންގެ ތެރެއިން ނުރައްކާތެރި އެންމެން ހޯދާ ހައްޔަރުކުރާނެ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފަ އެވެ.

ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވި މީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ފުލުހުންނާއި އަދި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމު ވެސް ވަނީ ވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު