ތަޖުރިބާކޮށްލަން އައްޑޫ ސިޓީ ކައުންސިލުން ސިންގަޕޫރާއި މެލޭޝިއާ އަށް ؛ ހަރަދަށް 1.2 މިލިއަން ރުފިޔާ!
ހަރަދުތައް ކުރުމާއި ބޭރަށް ދަތުރުތައް ކުރުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ތިން ސާކިއުލާއެއްގައިވާ އެންގުންތާ ހިލާފަށް އައްޑޫ ސިޓީ ކައުންސިލުން ސިންގަޕޫރާއި މެލޭޝިއާއަށް ދާން 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.
އޮޑިޓް އޮފީހުން ނެރުނު އައްޑޫ ސިޓީ ކައުންސިލްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ސިންގަޕޫރާއި މެލޭޝިއާ ދަތުރަށް ކުރި ހަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ސިޓީތަކާއި އިދާރީ ހިންގުމާ ބެހޭ ވުޒާރާއިން ނެރެފައިވާ ސާކިއުލާތަކާ އެއްގޮތަށް ކޮށްފައިވާ ހަރަދެއް ނޫންކަމަށް އޮޑިޓްގައި ވަނީ ބަޔާންކޮށްފަ އެވެ.ރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ހަރަދުތައް
- 2023 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރު: 10 ބައިވެރިން ހިމެނޭ އެ ދަތުރަށް ކައުންސިލްގެ ބަޖެޓުން 515,101ރ. ހަރަދުކޮށްފައިވޭ. މީގެ ތެރެއިން 65,381ރ. ހަރަދުކޮށްފައި ވަނީ ދަތުރުގެ މަގުސަދާ ގުޅުމެއް ނެތް އިވެންޓް މެނޭޖްމަންޓް ކޯހަކަށް. އަދި ދަތުރުން ހާސިލުވިކަންކަން ބޭނުންކުރާނެ ގޮތުގެ ތަފުސީލު ލިޔުމުން ބަލަހައްޓާފައެއް ނެތް.
- 2024 ވަނަ އަހަރު މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރު: އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ދަތުރަށް 685,509ރ. ހަރަދުކޮށްފައިވޭ. މީގެ ތެރެއިން ދަތުރުގެ ޓްރެއިނިންގައި ބައިވެރިނުވާ ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލް މެމްބަރެއްގެ ހުރުމާއި ދަތުރުގެ ހަރަދަށް 116,286ރ. ބަޖެޓުން ހޭދަކޮށްފައިވޭ. މިއީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނެރެފައިވާ ސާކިއުލާތަކާ ހިލާފަށް ކޮށްފައިވާ ބޮޑެތި ހަރަދުތަކެއް.
އޮޑިޓުގައި ބުނީ، މި ޒިޔާރަތްތަކުން ލިބުނު ތަޖުރިބާގެ ތަފުސީލެއް ދަތުރު ރިޕޯޓުގައި ހިމަނާފަ ނުވާ ކަމަށެވެ. އޭގެ އިތުރުން، މި ދަތުރުގައި ލިބުނު ތަޖުރިބާތަކުގެ އަލީގައި އައްޑޫގެ އަންހެނުންގެ ތަރައްގީއަށް ކުރެވޭނެ ކަންތައްތަކާއި އެ ކަންތައްތައް ތަންފީޒުކުރާނެ ގޮތެއް ވެސް އެ ރިޕޯޓުގައި ނެތް ކަމަށް އޮޑިޓުގައި ވެ އެވެ.މި މައްސަލައިގައި އޮޑިޓު އޮފީހުން ވަނީ ފިނޭންސުންގެ ސާކިިއުލާތަކަށް އަމަލުކުރުމަށާއި ދަތުރުތަކުން ހާސިލުކުރަން ބޭނުންވާ ކަންކަމާއި ހާސިލުވީ ކަންކަން ލިޔެކިޔުމުން ބަލަހައްޓަން އައްޑޫ ސިޓީ ކައުންސިލުގައި ބުނެފަ އެވެ.އައްޑޫ ސިޓީ ކައުންސިލަކީ އިދިކޮޅު އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ކައުންސިލެކެވެ. ނިމުނު ދައުރުގައި އަދި މިހާރު އަލަށް ފެށިގެން ކުރިއަށްދާ ދައުރުގައިވެސް ކައުންސިލުގެ ގިނަ މެންބަރުންނަކީ އަދި ކައުންސިލު ހިންގެވުމުގެ އިސްވެރިޔަކަށް ހުންނެވި ސިޓީގެ މޭޔަރަކީވެސް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.