މަރިޔަމް އަނާ
23 އޮކްޓޫބަރ 2021 - 22:17
0 comments
ހިތަދޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށްޓަކައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ބްރިޖުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި ބްރިޖުގު ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު މިވަގުތު ކުރަމުންދަނީ ތަނބު ޖެހުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތައްކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ބްރިޖަކީ ލިންކް ރޯޑުން ގޮސް ވަކިން އޮންނަ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުން އަޅާ ބްރިޖެކެވެ. ބްރިޖުގެ ދިގު މިނުގައި 1.4 ކިލޯމީޓަރު ހުންނައިރު މިއީ 4 ލޭނަށް ހަދާ ބްރިޖެކެވެ. އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އައްޑޫ ސިޓީގައި ފެން ހިންދުމުގެ ނިޒާމު ގައިމުކުރުމާއި، މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެފްކޯންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.730 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫޢުގެ އަގަކީ ހަތްދިޔަ ހަތް މިލިއަން، ހަސަތޭކަ ތިރީސް ހާސް އަށްސަތޭކަ ނުވަދިޔަ އަށް އެމެރިކާ ޑޮލަރެވެ.މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ގާތްގަނޑަކަށް 103 ކިލޯމީޓަރުގެ ފެން ހިންދާ ނިޒާމަކާއި، އައްޑޫގެ ހުރިހާ އަވަށްތަކެއް ހިމެނޭ ގޮތަށް ޖުމުލަ 40 ކިލޯމީޓަރުގައި ތާރު އެޅި، އިތުރު ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ލޭޔަރ އެޅުމަށް ވަނީ ހަމަޖެހިފައެވެ.މިމަސައްކަތް ފެށުމާއި ގުޅިގެން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިހާރު މަސައްކަތް ފެށިގެން ގޮސްފައިވާއިރު، އައްޑޫގައި މިހެދޭ ބްރިޖުން މުސްތަޤުބަލުގައި އައްޑޫ ލިންކްރޯޑު ތަރައްޤީވެފައި އޮންނާނެ ގޮތް ފެނިގެންދާނެކަމަށެވެ.
"މައިގަނޑު ގޮތެއްގައި މިހާރު އެހިނގަނީ ތަނބުތައް ޖަހާނެ ލޮކޭޝަންތަކުގެ ފެންވަރު ބަލާލުމުގެ މަސައްކަތް. މަގުގެ [މަގު ހެދުމުގެ މަޝްރޫޢުގެ] ވަރަށް ބޮޑު ހޭދައެއް މި ބްރިޖަށް އެބަދޭ. އެހެންނަމަވެސް އައްޑޫގެ ލިންކްރޯޑު މުސްތަޤުބަލު ފެންނާނީ މި ބްރިޖުން އަސްލު. މި ބްރިޖް ހެދިފައި އޮންނާނީ އައްޑޫގެ ލިންކްރޯޑު ދެން އޮންނާނެ ގޮތަށް. އެއީ ފޯ ލޭން މަގެއްގެ ގޮތުގައި މި ބްރިޖް ހެދިފައި އޮންނާނީ. އެއީ މުސްތަޤުބަލުގައި ލިންކް ރޯޑު ތަރައްޤީ ކުރުމަށް އަޅުގަނޑުމެންނަށް ފެންނަ ގޮތް. މުހިންމު ފެށުމެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލު މިކުރަނީ " ނިޒާރު ވިދާޅުވިއެވެ.