ކުޅިވަރު
ޔޫރޯ 2020: ސްޕެއިން ކުއާޓާ އަށް
ޔޫރޯ 2020 ގެ ގަދަ 16ގައި ސްޕެއިންއާއި ކްރޮއޭޝިއާ ކުޅުނު ފޯރިގަދަ މެޗު ކާމިޔާބުކޮށް ސްޕެއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޕާކަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމުނީ 5-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި އަށް ގޯލް ފެނިފައިވާ އިރު، މިއީ ޔޫރޯ ތާރީހުގައިވެސް ދެވަނައަށް އެންމެ ގިނަ ގޯލު ފެނުނު މެޗެވެ. ޔޫރޯ ތާރީހުގައި އެންމެ ގިނަ ގޯލު ފެނުނު މެޗަކީ 1960 ވަނަ އަހަރު ސެމީ ފައިނަލުގައި ފްރާންސާއި ޔޫގޯސްލާވިއާ ކުޅުނު މެޗުގައެވެ. އެ މެޗުގައި ނުވަ ގޯލު ފެނިފައިވެއެވެ. 

ސްޕެއިންގެ ގޯލަށް އަމާޒުކޮށް ކްރޮއޭޝިއާ އިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުނީ މެޗުގެ ފަހު 25 ވަނަ މިނިޓްގަ އެވެ. ނަމަވެސް ކްރޮއޭޝިއާ އިން ވަނީ މެޗުގެ 20 ވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. ރެކޯޑް އަދަދަކަށް ބައިކޮޅަށް ގޯލު ވަދެފައިވާ މި ފަހަރުގެ ޔޫރޯގައި ނުވަ ވަނަ ބައި ގޯލަކީ މުބާރާތުގެ އެންމެ ހައިރާން ކުރުވަނިވި ބައި ގޯލެވެ. ސްޕެއިންގެ މިޑްފީްލޑަރު ޕެޑްރީ އޭނާގެ ޓީމުގެ ގޯލްކީޕަރު އުނައި ސިމޯން އަށް ދިން ބޯޅަ، ސިމޯން އަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ބޯޅަ ވަނީ އޭނާގެ އަމިއްލަ ގޯލްގެ ތެރެއަށެވެ. 

މެޗުގައި ސްޕެއިނަށް ނަތީޖާ ހަމަހަމަކޮށް ދިނީ ޕަބެލޯ ސަރާބިއާ އެވެ. މެޗުގެ 38 ވަނަ މިނެޓްގައި ސްޕެއިން އިން އުފެއްދި ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ދިފާއު ކުރުމުން ރީބައުންސްވި ބޯޅަ ސަރާބިއާ ވަނީ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. 

ސްޕެއިނުން ދެ ވަނަ ހާފް ފެށިގެން ލީޑުނަގަން ގިނަ އެޓޭކްތަކެއް ކުރި އެވެ. ނަތީޖާއަކަށްވީ އޭގެއިން ފުރުސަތެއްގައި އެ ޓީމުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގުމެވެ. މެޗުގެ 57 ވަނަ މިނިޓްގައި ސްޕެއިންގެ ގޯލު ޖެހީ ކަނާތު ބެކް ސެޒާ އަޒްޕިލިކުއޭޓާ އެވެ. ޓޮރޭޒް ހުސްކޮށްލާފައި ނަގައިިދިން ބޯޅަ އަޒްޕިލިކުއޭޓާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެވެ. އަދި އުމުުރުން 31 އަހަރުގެ އަޒްޕިލިކުއޭޓާ އަކީ ޔޫރޯގައި ސްޕެއިނަށް ގޯލެއް ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. 

ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަމަކުރަން މެޗުގެ 68 ވަަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާތެރެއިން ޖޮސްކޯ ގްވާޑިއޯލް ޖެހި ބޯޅަ ސްޕެއިނުގެ ކީޕަރު ސިމޯން ވަނީ މަތަކޮށްފަ އެވެ.

ސްޕެއިނުން ވަނީ މެޗުގެ 76 ވަނަ މިނިޓްގައި ތިން ވަނަ ގޯލެއް ޖަހައިފަ އެވެ. މި ގޯލު ކާމިޔާބުކުރީ ޓޮރޭޒް އެވެ. އަވަސް ހިލޭ ޖެހުމަކުން މަތިން ޓޮރޭޒް އަށް ދިން ބޯޅަ ހިފައިގެން ވަދެ އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ހިތްވަރު އެލުވާނުލައި ބަދަލުތައް ގެނެސްގެން ކްރޮއޭޝިއާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގެ ތެރެއިން މެޗުގެ 85 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. އޭރިއާތެރެއިން ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް ހުރަސްކޮށްލި ބޯޅަ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިސްލާވް އޮރްސިޗް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭނާ ޖެހި ބޯޅަ ގޯލުގެ ރޮނގު ހުރަސްކޮށް އެތެރެވި ކަމަށް ކަނޑައެޅީ ގޯލްލައިން ޓެކްނޮލޮޖީ އިން ބަލައިފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު 3-3 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ 15 މިނިޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ސްޕެއިން ދެ ލަނޑު ކާމިޔާބު ކުރި އެވެ.

ސްޕެއިންގެ ހަތަރު ވަނަ ލަނޑު ޖެހީ އަލްވާރޯ މޮރާޓާ އެވެ. ކުރިން ކުޅުނު މެޗުގައި ލިބުނު ޕެންލްޓީ ނާކާމިޔާބު ވުމުން އަމިއްލަ ސަޕޯޓަރުންގެ ޖެއްސުން ކުރުމާއި ފުރައްސާރަ އަމާޒުވި މޮރާޓާގެ ލަނޑާ އެކު ސްޕެއިންގެ ސަޕޯޓަރުންގެ ފޯރި އިތުރު ވެގެން ދިޔަ އެވެ. ޑެނިއެލް އޮލްމޯ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު މޮރާޓާ ބޯޅަ އަމާޒުކުރީ ގޯލުގެ މަތީ ދާގަނޑަށެވެ.

ސްޕެއިންގެ ފަސް ވަނަ ލަނޑު ޖެހުމުގައި އެހީއަކަށްވީ ރަނގަޅު ވަގުތުގައި އޮލްމޯ ދިން ބޯޅަ އެވެ. އޭރިއާގެ ތެރެއަށް ނަގައިދިނުމުގެ ބަދަލުގައި އޭރިއާގެ ބޭރަށް އޭނާ ނަގައިދިނުމުން އޮފްސައިޑް މަޅީގައި ނުޖެހި އެ ބޯޅަ މިކެލް އަޔޯޒަބެލް އަށް ހޯދަން ފަސޭހަވި އެވެ. އޮޔާޒަބެލް ވަނީ ބޯޅަ ލިބިގަނެ އޭރިއާގެ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.

ސްޕެއިނަށް ހަ ވަނަ ގޯލެއް ޖަހައިދޭން މެޗުގެ ފަހު މިނިޓްގައި އޮލްމޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެެވެ. މިއީ އޮޔާޒަބާލް ދިން ބޯޅައަކުން އޮލްމޯ ޖެހި ޝޮޓެކެވެ.

މެޗުގެ ނަތީޖާ 5-3 އަށް ބަދަލުކޮށް ސްޕެއިންއިން ހަމަޖެހިލައި އަނެއްކާވެސް މަޑުން މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އެ ނަތީޖާއާއެކު މެޗު ނިންމާލީ ޔަގީންކަމާއެކުގައެވެ. އޭގެ ފަހުންވެސް ސްޕެއިންގެ ގިނަ ހަމަލާތަކެއް ފެނުނު އިރު، އޮލްމޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.

ކުއާޓާ ފައިނަލުގައި ސްޕެއިން ވާދަކުރަން ޖެހޭނީ ފްރާންސް ނޫނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު