ކުޅިވަރު
ޔޫރޯ 2020: ފައިނަލް މެޗުގައި އިންސާފުކުރާނެ ރެފްރީން ކަނޑައަޅައިފި
މިހާރު ކުރިއަށްދާ ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އިންސާފުކުރާނެ ފަނޑިޔާރުން ކަނޑައަޅައިފި އެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅުމަށް ތާވަލުކޮށްފައިވާ މި މެޗުގެ ރެފްރީއަކަށް ހަމަޖައްސާފައިވަނީ ނެދަރލޭންޑުގެ ބިޔޯން ކައިޕަރސް އެވެ. 

ޢުމުރުން 48 އަހަރުގެ ބިޔޯން އަކީ މިހައިތަނަށް މި ޝަރަފް ލިބުނު ނެދަރލޭންޑްސް ގެ ފުރަތަމަ ފަރާތެވެ.

އޭނާގެ އިތރުރުން ރެފްރީންގެ ޓީމުގައި ދެން ހިމެނެނީ އެސިސްޓެންޓް ރެފްރީ ނެދަލޭންޑްސްގެ ސެންޑަރ ވެން ރޮކެލް އަދި އަރވިން ޒެއިންސްޓްރާ އެވެ. އަދި ހަތަރުވަނަ ރެފްރީގެ ގޮތުގައި ސްޕެއިން ކާލޯސް ޑެލް ސެރޯ ގްރާންޑޭ އެވެ. ވީއޭއާރު ޓީމުގައި ހިމެނެނީ ޖަރުމަނުގެ ތިން ރެފްރީންނާއި ނެދަލޭންޑްސްގެ ރެފްރީއެކެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކުގައި 2006 ވަނަ އަހަރު ރެފްރީކަން ކުރަން ފެށި ކައިޕަރސް ގެ ރެފްރީ ކެރިއަރ ފަށާފައިވަނީ ނެދަރލޭންޑްސްގެ އެންމެދަށް ލީގުތަކުގެ މުބާރާތްތަކުން ނެވެ.

މިއީ އޭނާ ޔޫއެފާގެ މިފަދަ ބޮޑު މުބާރާތެއްގައި ރެފްރީކަން ކުރާނެ ހަތް ވަނަ ފަހަރެވެ. މީގެކުރިން އޭނާ ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަކާއި ޔުއެފާ ޔުރޮޕާ ލީގުގެ ދެ ފައިނަލަކަށް އިންސާފުކޮށްފައެވެ. އަދި 2012 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ޔޫރޯގެ އިތުރުން އެންމެފަހުން ކުޅުނު ދެ ވޯލްޑް ކަޕްގައި ވެސް އޭނާ އަކީ ރެފްރީންގެ ޓީމުގެ މެމްބަރެކެވެ.

މިއަހަރުގެ ޔޫރޯގައި ބިޔޯން ކައިޕަރސް މިހާތަނަށް ވަނީ ގްރޫޕް ސްޓޭޖުގައި ޑެންމާކާއި ބެލްޖިއަމް ކުޅުނު މެޗާއި ސްޕެއިން އަދި ސްލޮވާކިއާ ކުޅުނު މެޗާއި ކުއާޓަރ ފައިނަލްގައި ޗެކް ރިޕަބްލިކާއި ޑެންމާކް ބައްދަލުކުރި މެޗުގައި އިންސާފު ކޮށްފަ އެވެ.

ކައިޕަރސް އަކީ މި ޔޫރޯގައި އިންސާފުކުރާ ރެފްރީންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ ރެފްރީ އެވެ. އެހެންކަމުން މިއީ އޭނާ ބައިނަލްއަގްވާމީ މެޗެއްގައި އިންސާފުކުރާ އެންމެ ފަހު ފަހަރު ކަމަށްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އޭނާ ވަނީ މީގެކުރިން އިޓަލީ އާ އިންގްލޭންޑް ބައްދަލުކުރި މެޗެއްގައި ވެސް ރެފްރީކަން ކޮށްފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވަރލްޑް ކަޕްގައި އިޓަލީން 2-1 އިން އިންގްލޭންޑް ބަލިކުރި މެޗުގައި އިންސާފުކުރީ ކައިޕަރސްއެވެ.

އޭނާގެ މި ކާމިޔާބީ އާއެކު، އޭނާ ފާހަގަކުރެވިފައިވަނީ ދުނިޔޭގެ އެންމެ މުއްސަދި ރެފްރީގެ ވެސް ގޮތުގަ އެވެ. އެގޮތުން ބިޔޯންގެ މިލްކިއްޔާތުގައި 11.5 މިލިއަން ޕައުންޑް ހުރިކަމަށް ޑެއިލީ މެއިލް އިން ދައްކަ އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ޑިގްރީއެއް ހާސިލުކޮށްފައިވާ ބިޔޯން އަކީ ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަދި އޭނާއަކީ ނެދަލޭންޑްސްގެ ކާމިޔާބު ސުޕަރމާކެޓް ޗެއިނެއް ކަމަށްވާ ޖަމްބޯ ކައިޕަރސްގެ ކޯފައުންޑަރ ވެސް މެއެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު