ކުޅިވަރު
ސްޕެއިންގެ ކޯޗު އިސްތިއުފާ ދީފި
އެންރީކޭ، ސްޕެއިން މި އަހަރުގެ ވޯލްޑް ކަޕުން ކެޓި މެޗަށް ފަހު.--
ފީފާ ވޯލްޑް ކަޕް 2022ގައި ސްޕެއިން ޓީމަށް ލިބުނު ނާކާމިޔާބީއާއެކު، ޓީމުގެ ކޯޗުކަމުން ލުއިސް އެންރީކޭ އިސްތިއުފާ ދީފިއެވެ.

ސްޕެއިނާއި މޮރޮކޯ ވާދަކުރި ގަދަ 16 ގެ މެޗު، ޕެނަލްޓީގައި ކާމިޔާބުކުރީ މޮރޮކޯއިންނެވެ. އެ މެޗުން މޮޅުވެ، މޮރޮކޯ ވަނީ އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލް ޔަގީން ކޮށްފައެވެ.  

ކުރިން ބާސެލޯނާ އަށް ވެސް ކޯޗުކޮށްދިން އެންރީކޭ ސްޕެއިންގެ ގައުމީ ޓީމުން އިސްތިއުފާ ދިންއިރު އޭނާ އެޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް އޮތީ ހަމަވާ ގޮތަށެވެ.

އެންރީކޭ އާއި އޭނާގެ ކޯޗިން ޓީމު މަގާމުން ދުރުކުރި ކަން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ މިއަދު ހާމަކޮށްފަ އެވެ.

"ލުއިސް އެންރީކޭ އާއި އޭނާގެ މުޅި ކޯޗިން ޓީމުން ގައުމީ ޓީމާ އެކު ހޭދަކުރި މުއްދަތުގައި ކޮށްދިން ހިދުމަތަށް އާރުއެފްއީއެފް (ރޯޔަލް ސްޕެނިޝް ފުޓުބޯޅަ ފެޑެރޭޝަން) އިން ޝުކުރު އަދާކުރަން،" ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ވެ އެވެ.

"އެންރީކޭ އާއި އޭނާގެ ޓީމަށް ކުރިމަގުގައި ޕްރޮފެޝަނަލް މަސައްކަތްތަކުގައި ކާމިޔާބަށް އެދެން. އެއީ ގައުމީ ޓީމުގައި އޭނާއާ ގުޅިގެން މަސައްކަތްކުރާ ފަރާތްތަކުގެ ލޯތްބާއި ތައުރީފު ލިބިފައިވާ ފަރާތެއް. މިއީ އަބަދުވެސް އޭނާގެ ގެއަށް ވާނެ."

އެންރީކޭ މަގާމުން ދުރުކުރުމާ އެކު، ސްޕެއިންގެ ކޯޗުގެ މަގާމަށް ވަނީ އެ ގައުމުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ހަމަޖައްސައިފަ އެވެ.

ސްޕެއިންގެ ކޯޗުކަމާ އެންރީކޭ ހަވާލުވީ 2019 ވަނަ އަހަރު އެވެ.


ކިޔުންތެރިންގެ ޝުއޫރު
43%
14%
29%
14%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު