ޚަބަރު
ޔޫރޯ 2020: ޑެންމާކު ބަލިކޮށް އިންގްލެންޑު ފައިނަލަށް
ލަނޑު ޖެހުމަށް ފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ 2-1 އިން ޑެންމާކް ބަލިކޮށް ފުޓް ބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް އިންގްލެންޑް ޔޫރޯގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އިންގްލެންޑުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރީ ކުއާޓާ ފައިނަލުގައި 4-0 ގެ ނަތީޖާ އަކުން ޔުކްރެއިން ބަލި ކުރުމަށް ފަހު އެވެ. މިއީ 1966 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ފަހުން މިވީ 55 އަހަރު ތެރޭ ބޮޑު މުބާރާތެއްގެ ފައިނަލުގައި އިންގްލެންޑް ކުޅޭ ފުރަތަމަ ފަަހަރެވެ.

ޔޫރޯގެ ދިގު ތާރީހުގައި މިހާތަނަށް އިންގްލެންޑަށް ޔޫރޯއެއްގެ ފައިނަލު ކުޅެވިފައެއް ނުވެ އެވެ. އިންގްލެންޑަށް އެންމެ ދުރަށް ދަތުރު ކުރެވިފައި ވަނީ ޔޫރޯގެ ސެމީ ފައިނަލާއި ހަމައަށެވެ. އެއީ ޔޫރޯ 1968, 1996 އަދި 2020 ގަ އެވެ. 

ޑެންމާކުން ލީޑުނެގީ މެޗުގެ 30 ވަނަ މިނިޓްގައި ޑަމްސްގާޑް ޖެހި ހިލޭ ޖެހުމުންނެވެ. މީގެ ފަސް ވަރަކަށް ދުވަސް ކުރިން 21 ވަނަ އުފަން ދުވަސް ފާހަގަކުރި ޑަމްސްގާޑް ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ އިންގްލެންޑްގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް އަތް ކައިރިންނެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ހިލޭ ޖެހުމަކުން ޖެހި ފުރަތަމަ ގޯލެވެ. 

އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދޭން މެޗުގެ 37 ވަނަ މިނިޓްގައި ރަހީމް ސްޓާލިން މުޅިން ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ ޑެންމާކްގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ މަތަކޮށްފަ އެވެ. އިންގްލެންޑުން އެއްވަރުކުރީ އޭގެ ދެ މިނިޓް ފަހުންނެވެ. މެޗުގެ 39 ވަނަ މިނިޓްގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ހުސްކޮށްލާފައި އޭރިއާތެރެއިން ސަކާ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލު ކުރިމައްޗަށް ތިރިތިރިން ހުރަސްކޮށްލައިފަ އެވެ. އެ ބޯޅަ ސްޓާލިން އަށް ލިބުމުގެ ކުރިން ސަލާމަތްކުރަން ޑެންމާކްގެ ކެޕްޓަން ސިމޯން ކިއޭ މަސައްކަތްކުރިއިރު، އޭނާ ފައިގައި ޖެހިފައި ބޯޅަ ވަނީ ބައިކޮޅަށެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ފެނުނު 11 ވަނަ ބައިގޯލެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ނަތީޖާ ނުނެރެވުމުން ނަތީޖާ ނެރެން ޖެހުނީ އިތުރު ވަގުތުގެ ދެހާފު ކުޅެގެންނެވެ. އިތުރު ވަގުތުގައި މުޅިންހެން ކުޅުނީ އިންގްލެންޑުންނެވެ. އެގޮތުން އިންގްލެންޑުން ލީޑު ނެގީ ޕެނަލްޓީ އޭރިއާ ތެރެއިން ސްޓާލިންއަށް ޑެންމާކުން ފައުލު ކުރުމުން ލިބުނު ޕެނަލްޓީންނެވެ. އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ޕެނަލްޓީ ކީޕަރު ދިފާއު ކުރި ނަމަވެސް ރިބައުންސް ވެގެން އައި ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

މިއާއި އެކު އިންގްލެންޑް މުބާރާތުގެ ފައިނަލަށް ދަތުރު ކުރިއިރު ޑެންމާކަށް ޖެހުނީ މުބާރާތާއި އަލްވަދާއު ކިޔާށެވެ.

ޔޫރޯ ފައިނަލުގައި އާދިއްތަ ދުވަހު އިންގްލެންޑް ކުޅޭނީ އިޓަލީއަ ދެކޮޅަށެވެ.

ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު