ސްވިޒަލޭންޑް ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ.
މިއީ 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުން ސްޕެއިނަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓިއިރު، 2016 ވަނަ އަހަރުގެ ޔޫރޯ އިން ކެޓީ ދެ ވަނަ ބުރުގައި ކެޓީ އިޓަލީ އަތުންނެވެ. އަދި ތިން އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕުން ސްޕެއިން ކެޓީ ދެ ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ރަޝިއާ އަތުންނެވެ.
ދެވަނަ ބުރުގެ މެޗުގައި ޕެނަލްޓީގައި ފްރާންސްގެ މައްޗަށް ގަދަވެގަތް ނަމަވެސް ސްޕެއިންއާ ޖެހި ސްވިޒަލެންޑަށް މިރޭ ގަދަ ކުޅުމެއް ނުދެއްކުނެވެ. މެޗު 1-1 އިން އެއްވަރުވެ އެކްސްޓްރާ ޓައިމްގައި ވެސް ލަނޑެއް ނުޖެހުނެވެ. ޕެނަލްޓީގައި ސްޕެއިން ކާމިޔާބު ހޯދީ 3-1 އިންނެވެ.ޕެނަލްޓީ ޝޫޓްއައުޓުގައި ސްޕެއިނުން ސާޖިއޯ ބުސްކެޓްސް ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އެކަމަކު އޭގެ ފަހުން ސްވިޓްޒަލެންޑުގެ އަކަންޖީ އާއި ފަބިއަން ޝެއާ އަދި ވާގަސް ފޮނުވާލި ޕެނަލްޓީތައް ސްޕެއިންގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ. ސްޕެއިން އިން ދެން ނާކާމިޔާބުވީ ރޮޑްރީ ފޮނުވާލި ޕެނަލްޓީއެވެ.ސްޕެއިނުން ތިން ޕެނަލްޓީ ކާމިޔާބު ކުރިއިރު ސްވިޒްލެންޑަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީ އެވެ. މިއީ މި މުބާރާތުގައި ޕެނަލްޓީ ޝޫޓްއައުޓަށް ސްވިޒަލޭންޑް ދިޔަ ދެވަނަ ފަހަރެވެ. މުބާރާތުގެ ކުއާޓާއަށް ސްވިޒަލޭންޑް ދަތުރުކޮށްފައިވަނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.މި މޮޅާއެކު ސްޕެއިން ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ކުއާޓާގައި ބެލްޖިއަމާއި އިޓަލީ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.