ވިޔަފާރި
ސްޕެއިންގެ އައިބީރިއާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި
އައިބީރިއާގެ ފުރަތަމަ ފްލައިޓުން އައި ކްރޫއިން ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެމްއޭސީއެލް
ސްޕެއިންގެ އައިބީރިއާ އެއާލައިނުން އެ ގައުމުގެ މެޑްރިޑުން ރާއްޖެއަށް ދަތުރުތައް މިއަދު ފަށައިފި އެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އެގައުމުގެ މެޑްރިޑުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ދަތުރުތައް ފެށުމަށް މިއަދު އެގައުމުން އައި ފުރަތަމަ ފްލައިޓްގައި 218 ފަސިންޖަރުން ވަނީ ރާއްޖެއަށް އައިސްފައެވެ.

އެމްއޭސީއެލުން ބުނީ އައިބީރިއާ އިން އޮގަސްޓް މަހުގެ ނިޔަލަށް ހަފުތާ އަކު ތިން ދަތުރު ރާއްޖެއަށް ކުރާނެ ކަމަށާއި އެދަތުރު ތަކަކޯ ހޯމަ، ބުދަ އަދި ހުކުރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ ދަތުރުތައް ކަމަށެވެ. މި ދަތުރުތަކަށް އެ އެއާލައިނުން ބޭނުންކުރާނީ އެއާބަސް އޭ 220-330 އާއި އޭ 300-330 އެވެ. 

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ޔޫރަޕާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި މިއާ އެކު ރާއްޖޭގެ ޓޫރިޒަމް ވެސް ކުރިއަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އައިބިރިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށ ްބޮޑު ޝަރަފެއް. ސްޕެއިން އިން ރާއްޖެަށް ދަތުރު ފެށުމުން ރާއްޖޭގެ ޓޫރިޒަމް ކުރިއަރައި އެއާޕޯޓަށް ވެސް ކުރިއެރުން ލިބޭނެ،" ގޯޑަން ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެިރކަން މާކެޓުކުރާ އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ އައިބީރިއާއިން ރާއްޖެއަށް ދަތުރުތައް ފެށުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއި ދެކުނު ޔޫރަޕާ އިތުރަށް ގުޅުމުގެ ރަމްޒެއް ކަމަށެވެ.

"އައިބީރިއާއިން ރާއްޖެއަށް ކުރާ އިތުބާރަކީ, ރާއްޖެއަކީ މމިވަގުތު ދަތުރުކުރަން އެންމެ ރައްކާތެރި އެއް މާހައުލުކަން އިންޑަސްޓްރީން ގަބޫލުކުރާކަމުގެ އިތުރު މިސާލެއް. އަޅުގަނޑުމެން ސްޕެނިޝް މާކެޓަށް އަމާޒުކޮށްގެން މާކެޓުކުރުމުގެ ހަރަކާތްތަކެއް ހިންގަމުން މިދާ ދަނޑިވަޅުގައި, ދެކުނު ޔޫރަޕާއި ސްޕެއިންގެ ދަތުރުވެރިންނަށް މަރުހަބާ ކިޔުމަށް މިތިބީ ތައްޔާރަށް," ތޮއްޔިބު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ރަނގަޅު ވަމުން އައުމާއެކު ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ އަނެއްކާވެސް ރާއްޖެއާ ދެމެދު ކުރިން ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު ރާއްޖެ އާއި ޕޮލެންޑާއި ދެމެދުވެސް ވަނި ބްލޫ ޕެނަރޯމާގެ ލޫކް އެއަރ މެދުވެރިކޮށް ޑައިރެކްޓް ފްލައިޓުތައް ފަށާފައެވެ.

މި އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޔޫރަޕްގެ ގައުމުތަކުން މިހާތަނަށް ރާއްޖެއަށް 228،511 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. އައިބީރިއާގެ ދަތުރުތައް ފެށުމާއެކު ސްޕެއިންއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ.


ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު