ޚަބަރު
ރައީސް ނަޝީދު އަވަހާރަކޮށްލަން ރޭވުމުގެ އިސް މީހުން ހައްޔަރުކޮށްފި
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވި އެންމެ އިސް މީހާ މިއަދު ހައްޔަރުކޮށްފިއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ހަމަލާ ދިނުމުގައި އަމަލީކޮށް އުޅުނު މީހުންނަށް ވިސްނުވައިދީ އެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނުކަމުގެ ތުހުމަތުގައި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމް ހައްޔަރުކޮށްފައިވާކަމަށެވެ.

އޭނާގެ އިތުރުންވެސް ހައްޔަރުކޮށްފައިވާ އިތުރު ބަޔަކު ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

އޭނާ އަކީ 2017 ވަނަ އަހަރު ވެސް ބޮމެއް ހަދަމުން ދަނިކޮށް ހައްޔަރު ކުރި މީހެކެވެ. ނަމަވެސް ކޯޓުން 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވަނީ ދޫކޮށްލާފައެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް ފަހުން އެމައްސަލަ ވަނީ އަނބުރާ ގެނެސްފައެވެ.

"ތަހުގީގަށް މިހާތަނަށް ހޯދުނު މައުލޫމާތުތަކުގެ އަލީގައި މި ހަމަލާ ދިނުމުގައި ބައިވެރިވި ފަރާތްތަކުން އެ ފަރާތްތައް ގަބޫލުކުރާ ކުރުންތަކުގެ މައްޗަށް ރައީސް ނަޝީދުގެ ފުރާނަ ނަގައިލަން ނިންމައި އެކަމުގެ ރޭވުންތަކާއި ތައްޔާރީތައް 2019 ވަނަ އަހަރުން ފެށިގެން ވަމުން އައިސް 2020 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، މި ހަމަލާ ދިނުމުގެ ގޮތުން އަމަލީ ގޮތުން މަސައްކަތް ފަށާފައިވާކަން ފާހަގަކުރެވިފައިވޭ،" ހަމީދު ވިދާޅުވި އެވެ.

ތަސްލީމަކީ ބޮން ގޮއްވި މީހުން ހިމެނޭ ސެލް އޮޕަރޭޓްކޮށް، ނަޝީދަކީ މުރުތައްދު ވެފައިވާ މީހެއް ކަމަށް ބުނެ އެ މަނިކުފާނަށް މަރު ހައްގު ކަމަށް ބުނެ ވަކާލާތުކުރަމުން ދިޔަ މީހާ އެވެ. އަދި ހަމަލާއަށް ހިތްވަރުދީ އެކަމާ ބެހޭ ފޮތްތަކާއި ލިޔުންތައް ހޯދައި ސެލްގެ މީހުންނަށް ވަނީ ދީފަ އެވެ.

ސީޕީ ވިދާޅުވިގޮތުގައި، ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލައަކީ އެ ކަމަށް ތައްޔާރުވަމުން އައި ތިންވަނަ ފަހަރެވެ.

ހަމަލާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް އަދުހަމް ހިމެނެ އެވެ. ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބުނެފައިވާ ގޮތުގައި، ރައީސް ނަޝީދަށް ފާރަލައި، ކާރަށް އަރުއްވަން ވަޑައިގެންނެވި ވަގުތާ ދިމާކޮށް ބޮން ގޮއްވާލަން ރިމޯޓުގެ ބަޓަނަށް ފިތީ އަދުހަމް އެވެ.

ފުލުހުން ވަނީ އަދުހަމް އަތަމާ ޕެލެެސް ކައިރީގައި ހުރި އިރު އޭނާގެ އަތުގައި ރިމޯޓެއް ފާޑުގެ އެއްޗެއް އޮތްކަން ދައްކައިދޭ ސީސީޓީވީ ފޫޓޭޖު ވެސް ކުރިން ދައްކައިފަ އެވެ.

ހަމަލާއާ ގުޅޭ ހަތް މީހަކު މިހާރު ބަންދުގައި އެބަ ތިއްބެވެ. ފުލުހުން ވަނަވަރު ހާމަކޮށްފައި ވަނީ، އަދުހަމް، މުޖާޒް އަހުމަދާއި، ތަހުމީން އަހުމަދު އަދި އަލީ ހައިޝަމްގެ އިތުރުން އަހްމަދު ފާތިހުގެ އެވެ. ހަތް މީހުންގެ ތެރެއިން ބައެއް މީހުން ހައްޔަރު ކުރީ ހަމަލަ އަށް ފަހު ފުލުހުން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގެ ތެރެއިންނެވެ.

މި މީހުންގެ ތެރެއިން އަދުހަމް، މުޖާޒު، ތަހުމީން އަދި ފާތިހުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ މިދިޔަ ބުދަ ދުވަހު ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
50%
0%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު