"ޝައިބާ އެއީ ސްލީޕިން ބިއުޓީގެ ބެސްޓްފްރެންޑެއް ނޫންތަ؟... އޭނައަށް އިންސާފު ހޯދަދޭކަށް ބޭނުމެއް ނުވޭތަ؟..." އާހިލް ބޭނުންކުރީ ފަހުގެ ހަތިޔާރުކަން އަހަންނަށް އެނގުނެވެ.
އިރުކޮޅަކު ހުއްޓުން އަރާފައި ހުރެފައި، އިށީނީމެވެ. އަހަންނަށް އެކުވެރިޔާއަށް މާބޮޑު ކަމެއް ކޮށެއް ނުދެވެއެވެ. އޭނާއަށް އަހަރެން މުހިއްމުވި ފަދައިން އަހަންނަށްވެސް އޭނާ މުހިއްމެވެ.
"ކޮން ކަމެއް ކުރަންޖެހެނީ؟..." އަހަރެން ސުވާލު ކުރީމެވެ.
********
"އެހާ ފަސޭހަ ކަމެއް ނޫން... އެކަމަކު އަހަރެން މިހުރީނު... އަހަރެން ރިވާއަށް އެހީވާނަމޭ..." އާހިލް ބުންޏެވެ.
އާހިލް ވަރަށް ސާފުކޮށް ކަންތައް ކުރަންވީގޮތް ކިޔައިދިނެވެ. ކިޔައިދިންލެއް ފުރިހަމަކަމުން އެއީ ދާދި ފަސޭހަ ކަމެކޭ ހީވި ވަގުތުކޮޅެއް އައެވެ. އެކަމަކު، އެވާހަކަ ކަނުލައި އަޑު އަހަން އިންއިރު، އަހަރެންގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އާހިލް ބުނިފަދަ ނުރައްކާތެރި މީހަކަށް މުޙައްމަދު ވެއްޖެނަމަ، އަހަރެން އޭނާ އާއި ކުރިމަތިލާނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ ދުވަހަކުވެސް އެފަދަ ކަމެއް ކުރި މީހެއް ނޫނެވެ. ވީއިރު، އާހިލް އުއްމީދުކުރާފަދަ ހިއްވަރެއް އަހަރެންގެ ކިބައިގައި ހުންނާނީ ކިހިނަކުން ހެއްޔެވެ؟
"ހާސްނުވޭ... ރިވާއަށް ކަމެއްވިޔަކަ ނުދޭނަމޭ..." އާހިލް ޔަގީންކަން ދިނެވެ.
ޝައިބާގެ ވާހަކައިން އަހަރެންގެ ދިރިއުޅުމުގެ ވާހަކައަށް، ވާހަކައިގެ މިސްރާބު ބަދަލު ވިއެވެ. އާހިލްގެ ވާހަކަ ދެއްކުމުގެ ހުނަރުން ބޭނުން ކުރީ، ވަރަށްވެސް ފުރިހަމަ އަށެވެ. މައުޟޫޢު ބަދަލުވެގެން ދިޔައީ، އަހަރެން ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ދަރިއަކު ނުލިބިގެން އަހަރެމެން ކުރި މަސައްކަތް އާހިލްއަށް އެނގުނީ ކިހިނެއް ކަމެއްވެސް ނޭނގެ އެވެ. އަހަރެންގެ ދިރިއުޅުމުގެ އެހާ ޒާތީ ވާހަކައެއް އާހިލް ދައްކަފާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ.
"ރިވާއަށް އެނގޭތަ، އަހަރެން އަދިވެސް މީހަކާ ނީންނަން..." އިރުކޮޅެއްގެ ހިމޭންކަމަށްފަހު، އާހިލް ބުންޏެވެ. "ލޯބިވާ ކުއްޖާ ނުލިބޭތީ އަދިވެސް މިހުރެވެނީ..."
އަހަރެން ހަމައެކަނި ހިނިތުންވެލީއެވެ. ހިތުގެ އަޑިން އެދެވުނީ، އާހިލް އެ ވާހަކަ އިތުރަށް ކުރިއަށް ނުގެންދިޔުމަށެވެ.
"ރިވާ!... ތިހެން ދެން އަބަދު ހުންނަނީ؟..." އާހިލް ސުވާލު ކުރިއެވެ. "ކޮންމެސް ގޮތެއް ހޯދަން އުޅެންވީނު..."
"ތިބުނީ؟..." އަހަރެން ކުޑަކޮށް ސިހިފައި އަހާލީމެވެ.
"މިބުނީ ދަރިއަކު ނުހޯދާ ދެން ތިހެން ހުންނަނީހޭ؟..." އާހިލް އެއްވެސް ޖެހިލުންވުމެއްނެތި އަހައިލިއެވެ.
"އާހިލްވެސް ތިހުރީނު... މީހަކާވެސް ނީންނަމެއްނު... އަހަރެން ނާހަމެއްނު އެއްޗެއް..." ހިތްހަމަނުޖެހުނުކަން އަންގައިލުމުގެ ގޮތުން އަހަރެން ބުނީމެވެ.
"އަހަރެންގެ ވާހަކަ ދޯ؟..." އާހިލް ހީގަތެވެ. "އަހަރެން މިބުނީނު އަހަރެން ލޯބިވާ ކުއްޖާ ނުލިބުނީމައޭ..."
"ދަރިން ދެއްވަނީ މާތްﷲ... އާހިލްއަށް ކިހިނެއް އެނގެނީ އަހަރެންގެ ހާލަތު..." ޖަޒުބާތުގައި ޖެހި އަހަންނަށް ބުނެވުނެވެ. އޭރު، އަހަރެންގެ ދެލޯ ކޮންމެވެސް ވަރަކަށް ފެންކަޅިވެއްޖެ އެވެ. ބުނެވުނު އެއްޗެއް ރޭކައިލުމުން އަހަރެން ދެރަވި އެވެ. އެއީ އަހަރެން އާހިލްގެ ކައިރީގައި ދައްކަންޖެހޭނެ ވާހަކައެއް ނޫންކަން އަހަރެން ގަބޫލު ކުރަމެވެ. އަހަންނަށް އަހަރެންގެ އިހުސާސްތައް ނުހިފެހެއްޓުނީ އެވެ.
"ކިހިނެއް އެނގެނީ ނަހީކުގެ މައްސަލައަކުން ނޫންކަމެއް ދަރިން ނުލިބެނީ؟..." އާހިލް ކުރި ސުވާލަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
އަހަރެން އެ ވާހަކައާއި ގަޔާނުވާކަން ދެއްކި ނަމަވެސް އާހިލް ފަށަފަށައިގެން އެ ވާހަކަ ދައްކަން ފެށިއެވެ.
"ބޭބީއެއް ހޯދަން އަހަރެން ހެލްޕެއް ވެދެންތަ؟..." އާހިލް އެއްވެސް ޖެހިލުމެއްނެތި ސުވާލު ކުރިއެވެ.
"އޭނ؟..." އަހަރެން ފުންމައިގެން ތެދުވީމެވެ.
ގޮނޑި ވެއްޓުނު އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔަ އެވެ. ރެސްޓޯރެންޓްގައި ތިބި އެންމެންގެ ނަޒަރު ކަހަލަ ގޮތަކަށް އަހަންނަށް ހުއްޓުނެވެ. އަހަރެން ހުރީ ރުޅި އައިސް ދެބުމަ ގޮށްޖަހައިގެން އާހިލްއަށް ބަލާށެވެ. އެންމެން އަހަންނަށް ބެލިޔަސް އެއްވެސް ފަރުވާލެއް ނެތެވެ. ސަމާސާ ކުރުމުގައި ވަކި ހައްދެއް އޮންނަންވާނެ އެވެ. އެކަމަކު އާހިލްގެ މޫނުން ސަމާސާގެ ކުޑަ މިންވަރެއްހާ ހިސާބުވެސް ނުފެނުނެވެ.
"ރިވާ... ރިވާ... ހަމަޖެހިބަލަ..." އާހިލް އައިސް ގޮނޑި ނެގިއެވެ. "އެންމެން އެ ބަލަނީ... އިށީނދެބަލަ..."
އަހަރެން ހަލުވި ފިޔަވަޅުތަކެއްގައި ރެސްޓޯރެންޓުން ނުކުތީ އެވެ. އިތުރަށް އެތަނުގައި މަޑުކުރަން ބޭނުން ނުވީއެވެ. އިރުކޮޅަކުން އާހިލް އައިސް އަހަންނާއި އަރާ ހަމަކުރި އެވެ.
"ކޮންމެ ކަމެއް ގޯސްކޮށް މާނަ ނުނަގަބަލަ ރިވާ..." މާނޭވާތަކެއް ލަމުން އާހިލް ވާހަކަ ދެއްކީ އަހަންނަށް ވިސްނައިދޭ ކަހަލަ ރާގަކަށެވެ. "ރިވާ އުޅޭގޮތުން ހީވަނީ އަހަންނަކީ ވަރަށް ދުރު މީހެއް ހެން.... އަހަރެން އެހެން ބުނީ ނުބައި ގޮތަކަށް ނޫނޭ... އަހަރެން ބުނެފިއްޔާ ރިވާ ނަގަނީ މުޅީން ގޯސް މާނަ... ކިތަންމެ ރަނގަޅު ވާހަކައެއް ބުންޏަސް..."
އަހަރެން ކުރިއަށްވުރެ ހިނގުން ބާރުކޮށްލީމެވެ. ޓެކްސީއެއް ލިބޭތޯ މަސައްކަތްކުރި ނަމަވެސް ޓެކްސީއެއްވެސް ލިބޭގޮތެއް ނުވިއެވެ.
"ރިވާއަށް އަހަރެން ބުނި އެއްޗެއް ނޭނގޭތަ އަދިވެސް... އަހަރެން ބުނީ، ރާއްޖޭން ބޭރުން ވަރަށް ފަސޭހައިން އެކަން ވާނެއޭ މިހާރު... ނުޖެހޭނެ ކޮންމެހެން ފިރިމީހާ ކައިރިން ވަރިވާކަށް... ނޫނީ، އެހެން މީހަކާ އެކީ..." އާހިލް މަސައްކަތްކުރީ އަހަންނަށް ވިސްނައިދޭށެވެ.
"ކިތައް ފަހަރު ބުނެފިންތަ އަހަރެން ބޭނުމެއް ނޫނޭ ތިވާހަކަ ދައްކާކަށް... އަޑު ނީވެނީތަ؟..." އަހަރެން ހިތްހަމަނުޖެހިފައި ވަރަށް ބާރަށް ބުނީމެވެ.
އާހިލް އޭނާގެ ވަށައިގެން ހޯދައިލީ ޖެހިލުންވެފައި ހުރި ކަހަލަ ގޮތަކަށެވެ. އެހެން މީހަކަށް އެ ވާހަކަ އަޑު އިވިދާނެތީ އަހަރެން ޖެހިލުމެއް ނުވެއެވެ. އަހަރެންގެ މަގުސަދަކީ އާހިލް އަހަރެންގެ ކައިރިން ދުރަށް ފޮނުވައިލުމެވެ.
"ތަންކޮޅެއް މަޑުން..." އާހިލް ތަންކޮޅެއް މަޑުން ބުންޏެވެ. "ގޯސް ވާހަކައެއްތަ މި ދެއްކެނީ؟... ރިވާއަށް ރަނގަޅަކަށޭ އަހަރެން އެހެން ބުނީ..."
"އެނގޭތަ ތީ ކިހާބޮޑު ފާފައެއްކަން އެއީ... ކައިވެނީގެ ބޭރުން ގުޅުމެއް ހިންގުމާ، ނަސްލު އޮޅުވާލައިގެން ދަރިން ހޯދުމަކީ އެއްކަހަލަ ކަންތައް..." އަހަރެން ބުނީމެވެ.
އާހިލް ފެށީ ހޭށެވެ.
"ކަމްއޯން ރިވާ... މައްސަލަ އުޅެނީ ނިކްގެހެން މިހާރު އަހަންނަށް ހީވަނީ...." އާހިލް ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ރިވާގެއެއް ނޫން މައްސަލަ އުޅެނީ... އަހަންނަށް މިހާރު ޔަގީން... ރިވާ ނުދެކެންތަ ފިލްމްތަކުގަވެސް އެބަހުއްޓޭ އެހެން ދިމާވެފަ... އެއްފަހަރުވެސް ރިވާ އެ ލިޔުންތައް އަމިއްލަޔަށް ބެލިންތަ؟... ނިކް ބުނާ އެއްޗެއް ދޯ ރިވާ ގަބޫލު ކުރަނީ... ރިވާ މިހާރުވެސް އޭނަ ކައިރީ އަހާ... ނޫނެކޭ ބުނާކަށް ނުކުރޭނެ..."
އާހިލްގެ ޖުމްލަ ރުވާފައި ދޫކޮށްލި ތީރެއްހެން އަހަރެންގެ މެޔަށް ހެރުނެވެ. ހަޔާތުގެ ބައިވެރިޔާއަށް އިތުބާރު ކުރަން ކިތަންމެ ބޭނުންވިޔަސް، އަހަރެމެން އިންސާނުންގެ ހިތަކީ ބަލިކަށި އެއްޗެކެވެ. ހިތުގައި ޝައްކުގެ އޮށެއް އިންދިއްޖެނަމަ، އޭގައި މޫލައިގެން ހެދެން ފަށައެވެ. ގިނަފަހަރު އަމިއްލަ އިހުތިޔާރުން ބޭރުގަ އެވެ. ހަގީގަތާއި ހަމައަށް ވާސިލު ވެވެންދެން އެ ނޫން ފިކުރެއް ނުކުރެވޭނެ އެވެ.
ޝައްކު ކުރެވޭ ކަންތަކުގެ ވާހަކަ އެހުމަކީ، އަހަރެން ކުރާހިއްވާ ކަމެއް ނޫނެވެ. އެއީވެސް އަހަރެންގެ ހިތުގައި އިންދުނު ޝައްކުގެ އޮށުގައި މޫލައިގެން ހެދެން މެދުވެރިވި ސަބަބަކަށް ވިއެވެ.
********
ގެއަށް އައިސް ނަހީކަށް ގުޅައިލީ ހިތަށް ފިނިކަމެއް ހޯދާށެވެ. ފުރަތަމަ ރިންގާއިއެކު ނަހީކު ފޯނު ނަގައި، ވަރަށް ލޯބިން ހަލޯއޭ ބުނެލި އަޑު އިވުނެވެ.
"ލަވް މިސްވެގެން ހަމަ ގުޅާލަން އުޅެނިކޮށް ތި ގުޅީ..." ނަހީކު ހުރީ ވަރަށް އުފަލުންކަން އޭނާގެ އަޑުން އިނގުނެވެ.
"މިސްޔޫ ޓޫ..." އަހަރެންގެ އަޑު ކުރެހުނެވެ. ވަގުތުން ދެލޯ ފެންކަޅިވީ، އެ އަޑު ޖެހުމުން ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ.
"އަހަނ!... މާ ބޮޑަށް މިސްވީތަ؟..." ނަހީކު އަހައިލިއެވެ. "އަހަރެން ދުރުގަ ހުއްޓަސް، ލަވް ދެރަނުވައްޗޭ... ހިތަށް އަރުވާނީ، މިހާ ކައިރީއޭ ހުރީ..."
"ނުވަމޭ ދެރައެއް..." އަހަރެން ބުނީމެވެ.
"އެބައޮތް ވަރަށް ހެޕީ ނިއުސްއެއް ދޭންވެފަ..." ނަހީކު ވަރަށް ޖޯޝާއިއެކު ބުންޏެވެ.
"ހެޕީ ނިއުސްއެއް؟...." އަހަރެންގެ ހިތް ތެޅިގަތެވެ.
"އާނ... މި ހިތަށް އަރަނީ ލަވް ކައިރީ މިހާރު މި ވާހަކަ ބުނަންވީ ބާއޭ... ނޫނީ އަދި އިހަށް ނުބުނެ މަޑުކޮށްލަންވީ ބާއޭ..." ނަހީކު ބުންޏެވެ.
"ކީއްވެ މަޑުކުރަނީ؟..." އަހަރެންގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅިގަތެވެ.
(ނުނިމޭ)