ޚަބަރު
ބޮޑުފިނޮޅު މައްސަލައިގައި މެމްބަރު ރިޟާއާ އިތުރު ބަޔަކަށް ދައުވާ އުފުލައިިފި
މިލަންދު ދާއިރާގެ މެމްބަރ އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި އެ މައްސަލައިގައި މެމްބަރު ރިޒާގެ މައްޗަށް އުފުލާފައިވަނީ ދެ ދައުވާއެކެވެ. އެއީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ގާނޫނުލްއުގޫބާތުގެ ދަށުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

މީހުން ޓްރެފިކިންގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް ރިޒާއަށް އަންނާނެއެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ކުރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނީ ބޮޑުފިނޮޅުގައި ތަރައްގީކުރަމުން އަންނަ ރިސޯޓުގައި މެމްބަރު ރިޒާގެ އާރުއައިއެކްސް ކުންފުނިން އެ ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށެވެ.

އަދި ޓްރެފިކް ކުރެވިފައިވާކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ އެކި ރަށްރަށުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ގެންގޮސްފައިވާކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އަދި ބިދޭސީ މަސައްކަތްތެރިންގެ މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި އެ ކުންފުނިން ހިފައިގެން ގާނޫނާ ހިލާފަށް މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން އެ ކުންފުނިން މަސައްކަތް ކުރުވާފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

މީގެ އިތުރަށް މިކަމުގައި ރިޒާއާއި އެކު ބައިވެރިވި ނ. މާފަރު، ބްލާސަމްގެ، ޙަސަން ޢުމަރު އަދި ށ. މިލަންދޫ، ރެޑްރޯސް. ނަޞްރުﷲ އުޘްމާންގެ މައްޗަށް، ހިއުމަން ޓްރެފިކިންގައި ބައިވެރިވިކަމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ. އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 7 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ފުލުހުން މި މައްސަލާގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޑިސެމްބަރުގައެވެ.

ބޮޑުފިނޮޅުގައި މުސާރަ ނުދީ މަސައްކަތް ކުރުވި ބިދޭސީންގެ މުސާރަ ދޭން ލޭބަރ ރިލޭޝަންސް އޮތޯރިޓީންވެސް ވަނީ އަމުރުކޮށްފައެވެ.

މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާވެސް އުފުލާފައިވާއިރު، އެކަމުގައި އޭނާއާއެކު ބައިވެރިވި އިތުރު 2 މީހަކަށްވެސް ވަނީ ދައުވާ އުފުލާފައެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު