ޚަބަރު
މެމްބަރު ރިޒާގެ ކުންފުނިން ލޭބާ ރިލޭޝަން އޮތޯރިޓީއަށް ވަރުގަދަ ރައްދެއް ދީފި
މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ

ބ. އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތް ކުރި ބިދޭސީންނަށް މުސާރަ ނުދޭ މައްސަލާގައި ބަލަމުން އަންނަ މައްސަލަ އަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން އެއްބާރުލުން ނުދޭ ކަމަށް ބުނެ މީޑިއާތަކަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ދިން އިންޓަވިއުއާ ގުޅިގެން އެކުންފުނިން ވަރުގަދަ ރައްދެއް ދީފިއެވެ.

އެ ކުންފުނީގެ ވަކީލުން ނެރުނު ބަޔާނެއްގައި ވަނީ ބ.ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންގެ މުސާރަ ދީ ނިންމުމަށްފަހު އެކަން ކަށަވަރު ކުރެވޭނެ ލިޔުން 30 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް ހުށަހެޅުމަށް އަންގި މައްސަލަ މިހާރު ވާނީ ސިވިލް ކޯޓަށް ހުށަހަޅާފައި ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެ އެންގުން އަންގާފައި ވަނީ ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް ޤާނޫނީ ގޮތުން ލިބިފައިވާ އިޚްތިޞާޞްގެ ބޭރުން އަންގާފައިވާ އެންގުމެއް ކަމުގައިވާތީ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ކުންފުނިން ކޯޓްގައި އެދުނީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ނ) ރިޢާޔަތްކޮށް އެ އޮތޯރިޓީގެ އެންގުން ބާޠިލުކޮށްދިނުމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގެ އަޑުއެހުމެއް ބޭއްވިފައިވާ ކަމަށާއި މި އަޑުއެހުމުގައި ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުން ޙާޟިރުވި ވަކީލު ވިދާޅުވެފައިވަނީ، ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިކަމުގައި ޢަމަލުކޮށްފައިވާގޮތް ބެލުމަށާއި، މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާތީ ބަންޑާރަނައިބު އޮފީހުގެ ފަރާތުން އިތުރު ވަގުތު ބޭނުންވާކަމަށެވެ. ކަންމިހެންހުރިއިރު ޝަރީޢަތުގެ ހިނގަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމަށްޓަކައި ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޕްރޮގްރާމް އޮފިސަރ ހޫދު އައްބާސް އަޙްމަދު ޙަޤީޤަތާ ޚިލާފަށް މީޑިއާތަކަށް މަޢުލޫމާތު ދީފައިވާ ކަމަށް ބުނެ އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އެފަރާތާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމުގައި ރިޒް ކުންފުނީގެ ވަކީލުން ނެރުނު ބަޔާނުގައިވެއެވެ.

ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރގެ ފަރާތުން 18 ޖުލައި 2020 ގައި ނޫސް ބަޔާނެއްގައި ބ.އަތޮޅު ބޮޑު ފިނޮޅުގައި ތިބި 198 ބިދޭސީންނާއި ދިވެހިން ހިމެނޭ ގޮތުން ޖުމްލަ 200 މަސައްކަތްތެރިންގެ ފަރާތުން 15 ޖުލައި 2020 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވާކަމަށް ވަނީ ބުނެފައެވެ. މި މައްސަލަ ހުށަހަޅާފައިވަނީ، ރިޒް ކުންފުނީގެ އިތުރުން އެކުންފުނީގެ ޑިރެކްޓަރުންގެ މައްޗަށް ކަމުގައި ބަޔާންކޮށްފައިވާތީ، ވަޒީފާދިން ފަރާތް ކަނޑައެޅުމާއި، މުސާރަ ދޭން އެންގުންފަދަ ކަންކަން މިޙާލަތުގައި ނިންމޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ މައްސަލައިގެ ތެރެއިން ކަމުގައިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ޓްރައިބިއުނަލުން ގޮތެއް ނުނިންމަނީސް ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް އެކަމުގައި ގޮތެއް ކަނޑަނޭޅޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
33%
67%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު