ބ. އަތޮޅު ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީންތަކާ ގުޅިގެން ފުލުހުން ބަދުނާމުވާގޮތަށް ވާހަކަދެއްކި ގާނޫނީ ވަކީލުންތަކެއްގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލާގައި ހައްޔަރުކުރެވުނު މީހުންނަށް އައްޔަންވި ބައެއް ވަކީލުން، 19 ބިދޭސީންގެ ނަމުގައި އެ 19 ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ ސޯޝަލް މީޑިއާއާއި މީޑިއާގެ އެހެން ވަސީލަތްތައް ބޭނުންކޮށްގެން މި މައްސަލައިގެ ތަހުގީގާއި ފުލުހުންގެ މުއައްސަސާއާއި ބޮޑުފިނޮޅުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅުވައިގެން ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ފަތުރާ ފުލުހުންގެ މަސައްްކަތާއިމެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ.
އެ ބަޔާނުގައި ވަނީ 19 ބިދޭސީންގެ ތެރެއިން ފަސް މީހަކަށް ދައުލަތުން ވަކީލުން ހަމަޖައްސައިވާ ކަމަށެވެ. އަދި އިތުރު ފަސް މީހަކަށް ޓްރާސްޕޭރަންސީ މޯލްޑިވްސް އިން ވަކީލުން ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުން ބަދުނާމުކޮށް ވާހަކަ ދައްކަމުންދާ ވަކީލުން ނޫސްބަޔާންތަކާއި މައުލޫމާތުތައް އާންމު ކުރަމުންދަނީ ވަކީލަކު ހަމަޖެހިފައިވާ 10 މީހުންގެ ވަކީލުންނަށް އެނގުމެއްނެތިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ބޮޑުފޮނޮޅު މައްސަލާގައި ހައްޔަރުކުރި ބިދޭސީން ޑީޕޯޓްކޮށްލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ބިދޭސީން ހަމަނުޖެހުން ހިންގީ އެ މީހުންނަށް މުސާރަ ނުދީގެންނެވެ.
އެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން އެރަށަށް ދިޔަ ބައެއް ފުލުހުންނަށް އަނިޔާވިއެވެ.