ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގި ޗިޓަށް ގޮންޖަހައި، ރާއްޖެ ވަޑައިގެންފައިނުވާތީ އޭނާ ދެ މަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ ސުޕްރީމް ކޯޓުގައި މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފައެވެ. އަލީ ވަހީދު ޝަރީއަތަށް މިއަދުވެސް ހާޒިރެއްނުވިއެވެ.ސުޕްރީމް ކޯޓަށް މިއަދު 13:00 ޖަހާއިރަށް ހާޒިރުވުމަށް އަލީ ވަހީދަށް އަންގާފައިވާއިރު މިއަދުގެ އަޑުއެހުމަށްވެސް އަލީ ވަހީދު ހާޒިރުނުވުމުގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.އަލީ ވަހީދުގެ ޝަރީއަތާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިޔުމަށް ވެސް ސުޕްރީމް ކޯޓުން މިއަދު ނިންމެވި އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި ގޮތުގައި ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގައި، ކޯޓުތަކުން އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެ އެވެ. ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ އަދި އެންމެންގެ މައްޗަށް ހަމަހަމަ ނިޒާމެއްކަން ކަށަވަރު ކުރުމަށް އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖެހޭ ކަަމަށެވެ.އެއީ ގާނޫނީ ވެރިކަމެއް ހިނގާ ދައުލަތެއް ހިންގުމަށް ވެސް މުހިންމު ކަމެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.އަލީ ވަހީދު ރާއްޖެ ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކުރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ.އެ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް، އަލީ ވަހީދު ރާއްޖެ ވަޑައިނުގެންނެވި އެވެ.-- ތަފްސީލް އަންނަނީ