ޚަބަރު
ސްކޫލް ކުދިންނަށް ވެކްސިން ދޭ ޕްރޮގްރާމް ފަށައިފި
އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރައިގެ ސްކޫލް ދަރިވަރުންނަށް ފައިޒަރ ވެކްސިން ޖަހަން ފަށައިފިއެވެ.

މާލެއާއި އަތޮޅުތަކުގައި ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު ސްކޫލް ކުދިން ފިޔަވާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެހެން ފަރާތްތަކުން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖަހަން ދިއުމަށް އެޗް.ޕީ.އޭއިން ވަނީ އެދިވަޑައިގެންފައެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒަރ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެގެނެސްފައެވެ. ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއްކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ 5 ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ. 

ސްކޫލް ދަރިވަރުންނަށް ފައިޒަރ ވެކްސިން ޖަހަން ފެށުމުގެ އިންތިޒާމުތައް ބައްލަވައިލެއްވުމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ވަޑައިގެންފައެވެ. މިނިސްޓަރު ނަސީމު ވިދާޅުވީ، ވެކްސިން ދިނުމަށް މި ފެށި އާބާދީއަކީ މުހިއްމު އާބާދީއެއް ކަމަށެވެ. ފުރަތަމަ ދުވަހު 600 އެއްހާ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށާއި، އެއްވެސް ދަތިކަމެއް ނެތި ކުރިއަށްދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހުޅުވިގެން މިހާތަނަށް ކޮވިޑްގެ ރިޕޯޓެއް ސްކޫލްތަކުން އައިސްފައި ނުވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަަށެވެ. ރާއްޖެއަކީ ވެކްސިން ޕްރޮގްރާމްގައި ކާމިޔާބު ގައުމެއްކަމަށާއި، ލީޑަރޝިޕްގެ ފަރާތުން ވިސްނުންތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް މިނިސްޓަރު ނަސީމު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން ހުއްޓި، ސްކޫލްތައް ބަންދު ކުރަންޖެހިދާނެ ކަމަށް އޮތް ބިރު މިހާރު ފިލައިގެން ގޮސްފައިވާ ކަމަށެވެ. ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދެވޭނެ އުއްމީދުތައް އައު ވެގެން ހިނގައްޖެ ކަމަށާއި، މަދު ގައުމަކަށް ލިބިފައި އޮތް މި ފުރުސަތުގެ ބޭނުން، ބެލެނިވެރިން ހިއްޕަވައި ދަރިވަރުންނަށް ވެކްސިން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެޗް.ޕީ.އޭއިން ވަނީ ސްކޫލްތަކުގެ ދަރިވަރުންނާއި މިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ނިންމި ކުދިން ފިޔަވާ، 12 އަހަރާއި 17 އަހަރުގެ ކުދިންނާއި މާބަނޑުމީހުންނާއި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އެހެން ފަރާތްތައް ވެކްސިން ޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދައިގެން ވެކްސިން ޖަހަންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ޖެހުމަށްދާއިރު އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓާއެކު ކަމާގުޅުންހުރި ލިޔެކިޔުންތައް ގެންދިއުމަށްވެސް އެ އެޖެންސީން އަންގަވާފައިވެއެވެ.

ރާއްޖޭގައި މިއަދު އަލަށް ކުޑަކުދިންނަށް ވެކްސިން ދޭން ފެށިއިރު، މިހާތަނަށް ވަނީ 342،793 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި 294،364 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.



 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު