ޚަބަރު
ގާޒީ ފާއިޒު ސަލާމުގައި ހުންނެވުމުން އީސަގެ މައްސަލަ މިއަދު ނުބޭއްވުނު
މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމަށް ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލާގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް ފަށަން މިއަދު ތާވްލަކުރި އަޑުއެހުން ވެސް ކެންސަލް ކޮށްފި އެވެ.

މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު، އަަސްރާ ނަސީމް އަށް، އީސަ ގެވެށި އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު، ދެމީހުންގެ ދެމެދު ހިނގައިދިޔަ އަރާރުމެއްގެ ތެރެއިން، އީސަގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އަސްރާގެ އަވަށްޓެރިން ވަނީ ބުނެފައެވެ. އަދި އެ މައްސަލައިގެ ބަޔާން އަސްރާ އަމިއްލަޔަށް ވަނީ ފުލުހުންނަށް ދީފައެވެ. ނަމަވެސް ދަރިފުޅުގެ ހައްގުގައި ކަމަށް ބުނެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އަސްރާ ވަނީ ފަހުން އެދިފައެވެ.

އެހެންނަމަވެސް ފުލުހުން ބުނެފައިވަނީ ވަކި މީހަކު އެދިގެން ޖިނާއީ މައްސަލައެއްގެ ތަހުގީގު ހުއްޓައި ނުލާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި މެންބަރު އީސަގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ޖޫން މަހުގެ ތެރެގައި ފޮނުވިއެވެ.

އީސައަށް ކުރާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުން ތާވަލްކުރީ މިއަދު ހެނދުނަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒު ރަޝާދު މިއަދު ސަލާމުގައި ހުންނެވުމުން، އެ މައްސަލައިގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލްވެފައިވާ ކަމަށެވެ.

މީގެ ކުރިން މި މައްސަލައިގައި މިދިޔަ ޖޫން މަހު ތާވަލު ކުރި އަޑުއެހުން ވެސް ކެންސަލް ކުރީ ގާޒީ ފާއިޒު ސަލާމުގައި ހުންނެވުމުންނެވެ. އެހެންކަމުން އަދި އޭނާގެ މައްސަލައިގެ އަޑުއެހުމެއް ނުބޭއްވެ އެވެ.

ގާޒީ ފާއިޒް މިއަދު ވެސް ސަލާމް ބުނެފައިވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅިގެން އޭނާ މީހަކާ ދެއްކެވި ވާހަކައެއްގެ ރެކޯޑިންއެއް ލީކުވުމުން އެ މައްސަލަ ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެ އޯޑިއޯގައި ގާޒީ ފާއިޒް ވަނީ އޭނާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ވާހަކަތަކެއް ދައްކަވައިފަ އެވެ.

އީސަގެ މައްޗަށް ކުށް ސާބިތުވި ވިޔަސް އޭނާގެ ގޮނޑި ނުގެއްލޭނެ އެވެ. ގޮނޑި ގެއްލޭނީ 12 މަސް ދުވަހަށް ވުރެ ބޮޑު ޖަލު ހުކުމެއް އަތުވެއްޖެ ނަމަ އެވެ.

ގެވެށި އަނިޔާގެ މައްސަލަ ފެންމަތިވިއިރު އޭނާއަކީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުވެސް މެއެވެ. ނަމަވެސް އީސާ މުގައްރިރު ކަމުން ވަކިކުރަން ހުށަހެޅުމުން އޭނާ ވަނީ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި ބަޔާނެއް މެދުވެރިކޮށް ތުހުމަތުތަކަށް އިންކާރު ކުރައްވަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު