ޚަބަރު
އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް މައުމޫން ކުރިމަތިލައްވައިފި
މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފިއެވެ.

އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް ކުރިމަތިލައްވާފައިވަނީ, ސިޔާސީ މައިދާނާ ވަރަށް ދުރުގައި ހުންނެވުމަށްފަހު އެވެ. އެމްއާރްއެމް އުފައްދައި, އެ ޕާޓީގެ އިންތިގާލީ ކޮމިޓީގައި ފާރިސް އިންނެވި ނަމަވެސް, އޭނާ ފެނުނީ ސިޔާސީ މަސައްކަތްތަކާ ވަރަށް ދުރުންނެވެ.

ސިޔާސީ މައިދާނާ ފާރިސްއަށް ދުރަށްވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު އެވެ. ކުރީގެ ދިއްގަރު ދާއިރާގެ މެންބަރަށް އެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވައިގެން ކާމިޔާބެއް ނުވި އެވެ.

ފާރިސްގެ ނަން ސިޔާސީ މައިދާނުގައި މަޝްހޫރުވެގެން ދިޔައީ, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ކޮރަޕްޝަންތަކާ ދެކޮޅު ކަމަށް ވިދާޅުވެ, ޕީޕީއެމްގައި ހުންނަވައި އެކަމާ ދެކޮޅަށް އަޑުއުފުލައްވަން ފެއްޓެވުމުންނެވެ.

އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް ކުރިމަތިލެއްވިއިރު އެޕާޓީގެ ޒައީމްގެ މަގާމަށް ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ ކުރިމަތި ލައްވާފައެވެ. 

އެމްއާރްއެމްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 16 ސެޕްޓެމްބަރުގެ 16:00 އާ ހަމައަށެވެ.

އެމްއާރްއެމްގެ ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމު، ޕާޓީގެ ރައީސް، ޕާޓީގެ ނައިބު ރައީސް، ޕާޓީގެ ނައިބު ރައީސް (އަންހެން)، އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން، ޒުވާނުންގެ ކައުންސިލް އަދި އަންހެނުންގެ ކައުންސިލް ފާހަގަކުރެވެއެވެ.

އެމްއާރްއެމްގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދާ ހަމަައަށް ވަނީ ހުޅުވާލާފަ އެވެ.

އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 2 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު