މަރިޔަމް އަނާ
18 ސެޕްޓެމްބަރ 2021 - 11:49
0 comments
ސުޕްރީމް ކޯޓުގެ ނިންމުންތައް ބެލޭނެ ޚާއްސަ ވެބް އެޕްލިކޭޝަނެއް ތަރައްގީކޮށް، ބޭނުން ކުރަން ފަށައިފި އެވެ.

ސުޕްރީމް ކޯޓުގެ 13 ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އާ ތަސައްވުރަކާ އެކު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ހިންގުމުގައި ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަމާއި، ހަލުވިކަމާއި އެކު ކުރިއަށް ގެންދިއުމަށް ފާއިތުވެދިޔަ އަހަރު ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.އެ ބަޔާނުގައިވަނީ އެ އެޕްލިކޭޝަން ތަރައްގީކުރީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެހީއާ އެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި އެ މަސައްކަތަކީ ސުޕްރީމް ކޯޓުގައި ކަރުދާސް މަދުކޮށް، އިލެކްޓްރޯނިކް ވަސީލަތްތަކުގެ އެހީގައި މަސައްކަތް ކުރަން ކުރާ މަަސައްކަތުގެ ދަށުން ތައްޔާރުކުރި އެޕްލިކޭޝަނެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.އަދި އެޕްލިކޭޝަންގެ ދެވަނަ ފިޔަވަހި ނިިމިގެންދާއިރު މި އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނާއި ގާނޫނު ކިޔަވާ ދަރިވަރުންނަށް ވެސް ލިބިގެންދާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެއް އަހަރު ތެރޭގައި 225 މައްސަލަ އެ ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި އެ މުއްދަތުގައި 369 އަޑުއެހުމެއް ބޭއްވި އަދި 90 މައްސަލައެއް ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 29 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.ސުޕްރީމް ކޯޓުން އިތުރަށް ބުނީ ކޮވިޑް 19ގެ އުދަނގޫ ހާލަތުގައި ވެސް ފަސޭހަކަމާ އެކު އަދުލު އިންސާފަށް ވާސިލްވެވޭނެ މަގު ފަހިކޮށްދެވުނު ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވުނު ކަމަށެވެ.