ޚަބަރު
އަމީނަށް ކުރި ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބެލޭނެ: ސުޕްރީމް ކޯޓު
ދުނިޔޭގައި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުކަމުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމީ ގޯސް ކޮށް ކަމަށާއި އެ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އަމީން ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް ފަހު ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓުގައި އަލުން އޭނާގެ މައްސަލަ ބަލަން އަމުރު ކޮށްފަ އެވެ. އަދި އާ ގަޒިއްޔާތަކެއްގެ ގޮތުގައި ބެލުމަށް ހުރަހެއް ނެތް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ބަޔާންކޮށްފައި ވަނީ ގާނޫނުގެ މާއްދާއެއް މާނަކުއިރު އެ މާއްދާގެ ހުރިހާ އަކުރެއް މާނަކުރަންވާނީ އެއް މަގްސަދެއްގައި ކަމަށެވެ. ހައިކޯޓުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) މާނަކޮށްފައި ވަނީ މުޅިން އެހެން މަގްސަދެއްގައި ކަމަށާއި އެ އަކުރު ހައިކޯޓުން މާނަކޮށްފައި ވަނީ ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށެވެ.

ހައިކޯޓުން މި އަކުރު މާނަކޮށްފައި ވަނީ މުޅިން އެހެން މާއްދާއެއްގެ ގޮތުގައި ކަމަށާއި ގާނޫނުގެ މާއްދާއެއްގެ ހުރިހާ އަކުރަކީ އެކަތިގަނޑަކަށް، އެއް ރޮއްޖަކަށް އެމުނިފައިވާ އަކުރުތަކެއް ކަމަށް ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބަންދުކުރާ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތު އޮވެއްޖެނަމަ އެމީހުންގެ މައްޗަށް ދައުވާ ކުރުމުގައި ދުވަސް ގުނަން ވާނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. އެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ. މި މައްސަލަ ނިންމާފައި ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައިކޯޓުން މި މަހުގެ 16 ވަނަ ދުވަހު އަމީން ދޫކޮށްލުމަށް އަމުރު ކުރީ ދައުވާ ކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާ ކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ވެސް ކުރުމަށް ފަހު އެވެ.

އަމީން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 23، 2019 ގައެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު އެވެ. ހައިކޯޓުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބާތިލުކޮށްފައިވަނީ ބަންދުގައި ހުރި މީހަކަށް ދައުވާ އުފުލަން ޖިނާއީ އިޖްރާއަތުގެ ގާނޫނުން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވިފަހުން ދައުވާކޮށްފައި ވާތީ އެވެ. 

އަމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީނާކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު