ޚަބަރު
ކަފާލާތުގެ ދަށުން ޔާމީން ދުލެއް ނުކުރެވޭނެ: ސުޕްރީމް ކޯޓު
މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ގުޅިގެން ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިދިޔަ ފެބްރުއަރީ މަހު ވަނީ ތާއީދުކޮށްފަ އެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާއިރު، އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ޔާމީން މިނިވަންކޮށް ދިނުމަށް އަދި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދެ ފަރާތުން ވެސް އެ ދެ އަމުރާ ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު، މިއަދުގެ އަޑުއެހުން ފެއްޓެވުމުން ބެންޗުން ވަނީ ނިންމި ގޮތް އިއުލާނު ކުރައްވައިފަ އެވެ.

މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތްކަމަށެވެ. 

ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅޭ ގޮތުން ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވެފައި ވަނީ ކޯޓަށް ލިބިފައިވާ އިހުތިޔާރުތަކުގެ ތެރޭގައި ކަފާލާތުން މީހަކު ދޫކޮށްލުމުގެ އިހުތިޔާރު ލިބިފައި ވަނީ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށް ނުވަތަ ބަންދުގައި ހުރި މީހެއް ކަމަށެވެ.

"އަދި ގާނޫނު އަސާސީގެ މި ނޫން އެހެން މާއްދާއެއްގައި ނުވަތަ ދިވެހި ރާއްޖޭގައި އަމަލުކުރާ އެހެން ގާނޫނެއްގައި ވެސް ޝަރީއަތުން ހުކުމެއް ކުރުމުގެ ފަހުން އެ ހުކުމް ތަންފީޒުކުރާ މީހަކު ކަފާލާތުން ދޫކުރާ އުސޫލެއް ބަޔާންވެފަ ނުވޭ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

އެހެންވެ, ޔާމީނަށް ކަފާލާތް ދެވެން ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅި އެވެ. ހަމައެއާއެކު, ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވުމާ ގުޅިގެން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ވެސް ނެރޭނެ ތަނެއް ނެތް ކަމަށް ކަނޑައެޅި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނިލޯންޑްރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 28 ނޮވެންބަރު 2019 ގައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް ޢަލީ ޒާހިރާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ.މުހައްމަދު އިބްރާހީމްއެވެ.

ޔާމީން ކަފާލާތުގެ ދަށުން ދޫނުކުރަން ނިންމާފައިވާއިރު، އެމަނިކުފާނު މި ވަގުތު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. ކޮވިޑްގެ ތެރޭގައި އެމަނިކުފާނު ގެއަށް ބަދަލު ކުރީ ޖަލުގައި އެ ބަލި ފެތުރޭތީ އަދި އެމަނިކުފާނުގެ ސިއްހީ ހާލަތަށް ވެސް ބަލާފައި ކަމަށް ކަރެކްޝަންސްއިން ބުނެފައިވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު