ޚަބަރު
ޒިނޭގެ މައްސަލަ ސާބިތުކުރަން ޑީއެންއޭ ބަލައިގަނެވޭނެ: ސުޕްރީމް ކޯޓު
ޒިނޭގެ ކުތް ސާބިތުކުރުމަށް ޑީއެންއޭ ހެއްކެތް ގޮތުގައި ބޭނުންކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

އެކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާއެއް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި ނިންމުމެއްގެ އިސްތިއުނާފު މައްސަލައެއްގައެވެ.

ދައުލަތުން ފިރިހެނެއްގެ މައްޗަށް ކުރި ޒިނޭގެ ދައުވާ ސާބިތުނުވާ ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. އެ މައްސަލާގައި ހިމެނޭ އަންހެން މީހާ ކޯޓުގައި ބުނެފައިވަނީ އޭނާ ވިހޭ ދަރިއަކީ އެ ފިރިހެންމީހާގެ ދަރިއެއްކަމަށެވެ. އަދި އެކުއްޖާގެ ޑީއެންއޭވެސް އެ ފިރިހެންމީހާއާ ދިމާވި ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ ޑީއޭންއޭ ފަދަ ޤަރީނާތައް ބޭނުންކޮށްގެން ޒިނޭގެ ދައުވާ ސާބިތު ނުކުރެވޭނެ ކަމަށާއި އެކަން އިސްލާމީ ޝަރީއަތާ ޚިލާފުކަމަށެވެ.

މި މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު ނިންމެވި ނިންމެވުމުގައި ވަނީ އިސްލާމީ ޝަރީއަތުގައި ޒިނޭގެ ކުށް ސާބިތުކުރެވޭނީ ހަތަރު ފިރިހެނުންގެ ހެކިބަހުން ނުވަތަ އަމިއްލަ އިއުތިރާފުންކަމަށެވެ. އަދި މި ފަދަ މައްސަލަތަކުގައި ކުށް ސާބިތުކުރެވޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް އެކުށެއް ސާބިތުވުމުން ކަމަށާއި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކުން މި ފަދަ މައްސަލަތަކުގައި އެ މިންވަރަށް ކުށް ސާބިތުނުކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވާކަމަށެވެ.

އެހެންކަމުން މި ފަދަ މައްސަލަތަކުގައި ޑީއެންއޭއާއި ސައިންޓިފިކް ޤަރީނާތަކަށް ބަލާ އެއްވެސް ގޮތަކަށް ހައްދުގެ އަދަބެއް ނުދެވޭނެކަމަށްވެސް އެހުކުމްގައިވެއެވެ. 

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވައިފައިވަނީ ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދެވެ.

އެ މައްސަލައިގެ ހުކުމް ކުރައްވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ އެކަށީގެންވާ ފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ އެ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާން ކޮށްފައިވާ ޒިނޭގެ ކުށް ސާބިތުކުރަނީ، އެ ކުށް ކުރި މީހާގެ އިއުތިރާފު ނުވަތަ ހަތަރު ހެކީންގެ ހެކިބަހުން ނޫން ގޮތުގައި، ޑީއެންއޭ އާއި ހައްޔަރުގައި އިނުމުގެ ގަރީނާ ފަދަ އެކަށީގެންވާފަދަ ގޮތުގައި ގަބޫލުކުރެވިދާނެ ފަދަ ގަރީނާ ނުވަތަ ގަރީނާތަކަކުން ކަމުގައި ވާނަމަ، އެ ކުށަކީ، އެނޫން ހާލަތްތަކުގައި އެ ކުށް ދަރަޖަކުރެވޭ ނިސްބަތަށް ވުރެ އެއް ދަރަޖަ ތިރީގައިވާ ކުށެއް ކަމަށެވެ.

އެހެންކަމުން މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގައި ވެސް ޑީއެންއޭ ފަދަ ގަތުއީ ގަރީނާތަކުން ހައްދުގެ ކުށް ސާބިތުކުރެވޭނެ ކަން އެނގޭ ކަމަށް ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައިގައި ދައުވާ ރައްދުވާ މީހާގެ މައްޗަށް ޒިނޭ ކުރިކަން ސާބިތުވާ ކަމަށްވެސް ރައުޔުގައި ވިދާޅުވިއެވެ.

"އެކިއެކި އިޖުރާއީ ސަބަބުތަކާހުރެ ޝުބްހަ އުފެދުމުގެ ސަބަބުން، ހައްދުގެ ކުށާއި ގިސާސްގެ ކުށްކުރާ މީހުންނަށް އެކުށްތަކަށް އިސްލާމީ ޝަރީއާގައި ކަނޑައަޅާފައިވާ އަސްލު އަދަބު ދެވެން ނެތް ހާާލަތްތަކުގައި އެމީހުންގެ މައްޗަށް ތައުޒީރީ އަދަބެއް ކަނޑައެޅުން އިސްލާމީ ޝަރީއާގައި ހުއްދަ ވެގެންވޭ،" ހުސްނުއްސުއޫގެ ރައުޔުގައި ވިދާޅުވިއެވެ.

ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އާއިޝާ ސުޖޫން މުހައްމަދު ވަނީ ތާއީދުކުރައްވާފައެވެ.

ހަމައެއާއެކު ސުޕްރީމު ކޯޓުން ފާހަގަކުރި އުސޫލުތަކުގެ އަލީގައި، މި މައްސަލަ އަލުން ބެލުމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލު ކުރުމަށް ވެސް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު