އިސްމާއިލް ރިޒާ
28 އޮކްޓޫބަރ 2021 - 12:33
0 comments
އައްޑޫގައި ފްލައިން ސްކޫލެއް ހިންގަން ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގަން އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖޮއިންޓް ވެންޗާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އައްޑޫ ސިޓީގެ މެޔަރު އަލީ ނިޒާރުގެ އިތުރުން އެންއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިން ސްކޫލު ހިންގަން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏަކީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ.
އައިލެންޑް އޭވިއޭޝަން ސާވިސްއާއި އެމްއެންޔޫއާ ގުޅިގެން އުފެއްދި ކުންފުނިން ހަދާފައިވާ ފްލައިން ސްކޫލު ހިންގުމަށް ޗެކް ރިޕަބްލިކްގެ "ފްލައިން އެކަޑަމީއާ" ވަނީ ހަވާލުކޮށްފަ އެވެ. ފްލައިން އެކަޑަމީ އަކީ ފްލައިން ސްކްލޫތައް ހިންގުމުގައި މުޅި ޔޫރަޕްގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.
ފްލައިން ސްކޫލުގެ ދަރިވަރުންގެ އިންހައުސް ކްލާސްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ އައްޑޫގައި ހުންނަ އެމްއެންޔޫގެ ކެމްޕަސް ގައެވެ. ސަރުކާރުގެ ފްލައިން ސްކޫލެއް މި އުފައްދަނީ، އޭއޭއޭގެ މައްސަލަ ބޮއްސުންލައިގެން ގޮސް، އެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުވެ، އެތައް ދަރިވަރުންނެއް މާޔޫސް ވެފައިވާ ދަނޑިވަޅެއްގަ އެވެ. ކިޔެވުމަށް އެތައް ހާސް ޑޮލަރެއް ހަރަދުކޮށްގެން ވެސް 100 އަށް ވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ ހުއްޓިފަ އެވެ. އާ ފްލައިން ސްކޫލު ހިންގަން ނިންމާފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. މީގެ 30 އަހަރު ކުރިން ހުޅުވި އެ ފްލައިން ސްކޫލުގައި މިހާރު ވެސް ދިވެހި ދަރިވަރުން އަންނަނީ ތަމްރީނު ހަދަމުންނެވެ.