ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޓިކެޓް ސިނާން ކަށަވަރު ކުރައްވައިފި
ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު ސިނާން: -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފި އެވެ.

މިއަދު ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވީ ސިނާންގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ.

ސިނާނަށް މި ޕްރައިމަރީގައި 226 ވޯޓު ލިބިވަޑައިގެންނެވިއިރު ސައީދަށް ހޯއްދެވުނީ 199 ވޯޓެވެ. 

ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ސިނާންގެ ގޮނޑި ގެއްލުނީ، ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މައްސަލައެއްގަ އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ، ހަ މަސް ދުވަސްތެރޭ ދައްކަން ކުރި ހުކުމަކާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ، ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިދިޔަ އަހަރުގެ 13 ފެބްރުއަރީގައި މައްސަލައެއް ހުށަހެޅި އެވެ. ސިނާން ވަނީ ހަމަ އެ ދުވަހު ދަރަނީގެ އޭރު ދައްކަން ހުރި ބައި އެއްކޮށް ދައްކާފަ އެވެ.

އެކަމަކު، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ ނަމަ މެމްބަރުކަމުގެ ޝަރުތު އުނިވާތީ، މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ އެވެ. 

ޕީއެންސީން ޕްރައިމަރީ ސިނާން ކާމިޔާބު ކުރެއްވިއިރު އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އިތުރު ބޭފުޅަކު ކުރިމަތިލާފައި ނުވާތީ އެ ޓިކެޓު، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ވަނީ ލިބިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު