ޚަބަރު
އޯޑިއޯތަކާ ގުޅިގެން ގާޒީ ފާއިޒު ސަސްޕެންޑްކޮށްފި
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު--
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކައިފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ސަސްޕެންޑު ކޮށްފިއެވެ.

ޖޭއެސްސީން މިރޭ ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން، އެ އޯޑިއޯތަކުގައި ހިމެނޭ އޯޑިއޯއެއްގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާވާކަމަށް ޙަވާލާދެވުނު އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކޮމިޝަނުން ތަޙުޤީޤުކުރަން ނިންމާފައިވާ، ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައާ ގުޅިގެން، އެ މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، މާދަމާ އިން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އޭނާ އަށް އެންގުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ މިގޮތަށް ނިންމީ މިއަދު ބޭއްވި ކޮމިޝަނުގެ 83 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

އެ އޯޑިއޯގައި އިވެނީ ގާޒީ ފާއިޒުގެ އަޑުކަމަށް އޭނާ މީގެ ކުރިން ވަނީ އިންކާރު ވެސް ކޮށްފައެވެ.

ގާޒީ ފާއިޒުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައި ހުރި ވާހަކަތަކަށް ބާލައިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާކަން ފާހަގަކުރެވޭ ކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

"ނަމަވެސް، އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމާއި، އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއީޒް ފައިދާނެގުމުގެ ފުރުސަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭ ގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަން މިކޮމިޝަނުން ފާހަގަކުރަމެވެ،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއްކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ސައްހަ ނޫން އޯޑިއޯތަކާއި، އެމައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް އެ ކޮމިޝަނުން ވަނީ ކުށްވެރިކޮށްފައެވެ.

"މީގެ އިތުރުން، ކޯޓުތަކާއި ފަނޑިޔާރުންނާ ގުޅޭ ގޮތުން މީޑިއާތަކުން ހަބަރު ލިޔުއްވާއިރު، މީޑިއާއަށް ލިބޭ މަޢުލޫމާތު އާންމުކުރުމުގެ ކުރިން އެ މަޢުލޫމާތަކީ އިތުބާރު ކުރެވޭ މަސްދަރުން ލިބޭ މައުލޫމާތުކަން ޒިންމާދާރުކަމާއެކު ކަށަވަރު ކުރެއްވުމަށް އެ ކޮމިޝަނުން މީޑިއާތަކަށް އިލްތިމާސްކުރަމެވެ." އެ ބަޔާނުގައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު