އިސްމާއިލް ރިޒާ
11 ޑިސެމްބަރ 2021 - 00:42
0 comments
2018 ވަނަ އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ސިޔާސީ ފަރާތްތައް މިނިވަން ކުރަން ނެރުނު އަމުރާ ގުޅިގެން އެ ކޯޓުގެ ޓިނު ނަގައި ފަނޑިޔާރުން ހައްޔަރުކުރި ސަބަބު ކުރީގެ ރައީސް އަބްދުﷲ ޔާމީން ކިޔައިދެއްވައިފި އެވެ.
ޔާމީންގެ ވެރިކަމުގައި، އޭރުގެ ސުޕްރީމް ކޯޓުން ހުކުމްކުރީ އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ އެ މަގާމުން ވަކި ނުވާ ކަމަށެވެ."ކޮތަރު ކޮށީ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، އެ ހުކުމާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ، ފެބްރުއަރީ 1، 2018 އަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު "ހަނދުކޭތަ" ހިފި ދުވަސް ކަމަށެވެ. ޔާމީން އެގޮތަށް ވިދާޅުވީ ފެބްރުއަރީ އެއް ވަނަ ދުވަހު ސްޕްރީމް ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވަމުންނެވެ.ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ޓިނު ނެގުމުން އަވައްޓެރި އެއްވެސް ގައުމަކަށް އުނދަގުލެއް ނުވާ ކަމަށާއި އެއީ ރާއްޖޭގެ ދާހިލީ ކަމެއް ކަމަށް ވުމުން ކަމަށެވެ."އަޅުގަނޑު ވެރިކަމުގައި ހުންނެވިއިރު އަޅުގަނޑު ރައްޔިތުންނަށް ކިޔައިދިނިން އެކަން ހިނގައިދިޔަ ގޮތް، ސުޕްރީމް ކޯޓުން ފުރާޅުން ޓިނު ނެގިތޯ، ޓިނު ނަގަން ޖެހުނީ ކީއްވެތޯ، އެ އަމުރު އަޅުގަނޑުމެން ނެރެން ޖެހުނީމަ އަޅުގަނޑުމެންގެ އަވައްޓެރި އެއްވެސް ގައުމަކަށް އުނދަގުލެއް ނުވޭ، އެއީ ދާހިލީ ކަންކަން އެ ކަންކަމަކާ ނުބެހެވޭނެ،" ޔާމީން ވިދާޅުވިއެވެ.އެހެންނަމަވެސް އިންޑިއާއިން އެކަމަށް ދެކޮޅު ހަދައިފައިވާ ކަމަށާއި އިންޑިއާއިން އެކަމާ ގުޅިގެން ސުވާލުކޮށް، ރާއްޖެއަށް ތިން ސިޓީ ފޮނުވި ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ ތިން ސިޓީގައި ވެސް އިންޑިއާ އިން ވަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ބާރު އަޅައިފައިވާ ކަމަށެވެ."އަޅުގަނޑުމެން ފުރަތަމަ ސިޓީއަށް ޖަވާބު ދިނިން، ވަރަށް ޕޮލައިޓްކޮށް، ވަރަށް ޑިޕްލޮމެޓިކްކޮށް ކިޔައިދީފަ، ދެވަނަ ސިޓީގަ އަޅުގަނޑުމެންނަށް ވެސް އުނދަގޫވި، ތިން ވަނަ ސިޓީއަށް އަޅުގަނޑުމެން ޖަވާބެއް ވެސް ނުދެން، އެއީ ޖަވާބު ދިނުމުގެ ބޭނުމެއް ނެތީ،" ޔާމީން ވިދާޅުވިއެވެ.އެ ބޭފުޅުންނަށް ފައިސާ ލިބިފައި ހުރީ ދީލަތި މަހުޖަނެއްގެ ފަރާތުން ކަމަށާއި ހުކުމް ނެރުނު "މޯޓިވްއެއް" ކަމަށް ބެލެވެނީ އަގުބޮޑު ހަދިޔާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ މައްސަލަ ފެންމަތިވުމުން ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު ތަހުގީގަށް ހާޒިރު ކުރެވޭނީ ސުޕްރީމް ކޯޓުގެ ބެންޗުން ފާސްކޮށްގެން ކަމަށް ބުނެ ގަވާއިދެއް އެކުލަވާލި ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ އެ ގަވާއިދުގެ އުވާލުމަށް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ."އެ ނޫން ގޮތެއް ނެތް އެ ބޭފުޅުން ހާޒިރުކުރެވޭނެ، އެ ނޫން ގޮތެއް ނެތީ ހަމަ. ރާއްޖެ ދާހިލީ ހަމަނުޖެހުމަކަށް ގޮސްގެން މަގުމަތީގައި މީހުންތަކެއް ކަތިލެވިގެންދާތަން ފެންނާނެތީއެއް ނޫން އެއްގޮތަކަށް ވެސް އެކަން ކުރީ. މި ދެންނެވި މާއްދާ އުވާލުމަށްޓަކާ. އޭރަކު އަޅުގަނޑުމެންނަކަށް ނޭނގޭ އެއް މާއްދާ އޮތް ކަމެއް ވެސް. އެހާ ވަރަށް ފަނޑިޔާރުގޭގައި ހިނގާ ކަންތައްތަކަކާ އަޅުގަނޑުގެ ސަރުކާރުގައި ހަމަގައިމު ވެސް އަޅުގަނޑެއް ނުބެހެން" ޔާމީން ވިދާޅުވި އެވެ.ޔާމީން ވިދާޅުވީ އެ ދެ ފަނޑިޔާރުން އަމިއްލަ އަށް ހަށިރައްކާ ކިޔަވައިގެން ތިބިކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެކަން އެނގުނީ މިފަދަ މައްސަލަތައް ފެންމަތިވުމުން ކަމަށެވެ."އެއީ ޓިނު ނަގަން ޖެހުނު ގޮތް" ޔާމީން ވިދާޅުވި އެވެ.