
މި މައްސަލައިގައި ސިވިލް ކޯޓުން ނެރުނު އަމުރުގައި ވަނީ ހުޅުމާލޭގެ ބިން އެޗްޑީސީ އަށް މިލްކުވެފައި އޮތީ ހުޅުމާލެ ހިއްކަން ސަރުކާރުން ކުރި ޚަރަދާއި ނެގި ލޯނުތަކަށް އެ ކުންފުނިން ޒިންމާވާ ގޮތަށް ކަމަށް ވާއިރު، އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެ ކަމަށެވެ.އެހެންވެ، އެ މައްސަލަ ނިމެންދެން، ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށެވެ.ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީ އަށް ލިބިފައި އޮތް ހައްގަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށާއި އަދި ސިޓީ ކައުންސިލްގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރަން އަންގާ ކަމަށް އެ އަމުރުގައިވެ އެވެ. އަދި އެފަދަ ކަމެއް ކުރާ ނަމަ، އެކަން ހުއްޓުވުމަށް ފުލުހުންނާއި ދައުލަތުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.މާލޭ ސިޓީ ކައުންސިލްގެ ސްޕޯކްސްޕާސަން މަރިމަޔް ޝިއުނާ ވިދާޅުވީ ހުޅުމާލޭ ބިމުގެ މައްސަލައިގައި ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފް ކުރަން މި ހަފްތާ ތެރޭގައި ހައި ކޯޓަށް ފޮނުވާނެ ކަމަށެވެ.