ޚަބަރު
ވެރިކަން ކުރަން ރައީސް ސޯލިހް ސަރުކާރަށް އަދި ލިބުނީ އެންމެ އަހަރެއް: ގާސިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރެއްވުނީ އަދި އެންމެ އަހަރަކު ކަމަށާއި މަޝްރޫއުތައް ނުހިންގޭ ކަމަށް ބުނެ ފާޑުކިޔަން ލަދުގަންނަން ޖެހޭ ކަމަށް މި ވެރިކަން ގެނައުމަށް މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ކޮމަންޑޫގައި މިއަދު ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަން އައި ގޮތް އެންމެންނަށް ވެސް އެނގޭނެ ކަމަށާއި އެގޮތުން ދަތުރުފަތުރު ނުކުރެވި ގެއިން ބޭރަށް ވެސް ނުނިކުމެވި އަމިއްލަ އަށް ތިބެން ޖެހުނީ ތަޅުލެވިގެން ކަމަށެވެ.

"މި ހާލަތުގައި ކިހިނެއްތޯ ކަންތައް ކުރަނީ؟. އެހެންވީމަ ވެރިކަން ކުރަން އަދި އެ ލިބިވަޑައިގަތީ އެންމެ އަހަރެކޭ އިނގޭތޯ. މިއީ ހަގީގަތް" ސަރުކާރު ކޯލިޝަން ޕާޓުނަރ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ކޮވިޑްގެ ހާލަތުގައިވެސް ސަރުކާރުން ރަށްރަށުގެ ތަރައްގީއަށް ކުރަމުން އައި ކަންކަން މަޑުޖެހުމެއް ނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ތައުރީފު ކުރައްވާފައެވެ. ގާސިމް ވިދާޅުވީ ސަރުކާރު ލަސް ކަަމަށް ބަޔަކު ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ރައްޔިތުން ހެކިވާނެ ކަމަށެވެ. އަދި އެއީ އިދިކޮޅުގައި ތިބޭ މީހުން އަބަދުވެސް ދައްކާނެ ވާހަކައެއްގެ ގޮތުގައި ގާސިމް ވަނީ ސިފަ ކުރައްވާގައެވެ. ގާސިމް ވިދާޅުވީ އެ ވާހަކަ ދައްކަން އިދިކޮޅު ފަރާތްތަކުން ލަދު ގަންނަން ޖެހޭނެ ކަމަށެެވެ.

މިއަދު މި އޮތީ ކޮމަންޑޫ އާއި މި ދާއިރާ އަށް ވެސް ތަރައްގީގެ ފުރުސަތު ލިބިފައި. މި އަށް ވުރެ ބޮޑަށް މި ފުރުސަތު ލިބޭނެ އިރެއް ނާންނާނެ ކަމަށް ގަބޫލު ކުރެވިދާނެ." އިންތިހާބާ ދިމާކޮށް ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ކުރާ ސަރަހައްދުގައި ބޭއްވި އެ ޖަލްސާގައި ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ހޯދައިދިނުމަށް އޭނާ ބުރަ މަސައްކަތްތަކެއް ކުރައްވަނީ އެ ޕާޓީގައި މެމްބަރުން މަދުވެގެން ނޫން ކަމަށެވެ. އެކަަމަކު، އެ ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކުރެވުމުން އަދިވެސް ސަރުކާރުގެ ބާރު އޮތްކަން ބޭރު ގައުމުތަކަށް ވެސް އެނގޭނެ ކަމަށާއި އެއާއެކު އެހީތައް ހޯދުމަށް ވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ހެދި މިދިޔަ ދެ އަހަރެއްހާ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގިނަ ޖަލްސާތަކުގައި ވެސް، މާމިގިލި ދާއިރާގެ މެމްބަރުކަން ކުރައްވާ ގާސިމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ކޮވިޑްގެ ހާލަތު ގޯސްވެފައި ވަނިކޮށް، ކޮމަންޑޫ ދާއިރާ އަށް ކުއްލި ގޮތަކަށް ވަޑައިގެން އެމްޑީޕީގެ ކެމްޕެއިންތަކުގައި އުޅުއްވާތީ އޭނާ އަށް އިދިކޮޅު ޕާޓީތަކުން ދަނީ ފާޑުކިޔަމުންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ އިތުރުން ޕީޕީއެމް އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ކެންޑިޑޭޓުން ވާދަކުރެ އެވެ. އެ ތިން ޕާޓީން ވެސް އަންނަނީ ކޮމަންޑޫ ދާއިރާގައި ފޯރިއާއެކު ކެމްޕޭނުގެ ހަރަކާތްތައް ބާއްވަމުންނެވެ.

މި ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު