ޚަބަރު
އެމްއެންޕީން އެ އުޅެނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ފުނޑުފުނޑު ކޮށްލަން: ޝިފާޒު
އެމްޑީޕީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު -- ހޯރަ ފައިލް ފޮޓޯ
މޯލްޑިވަސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ން އެ އުޅެނީ އެމްޑީޕީން ތަރައްގީއަށް ކުރާ އުންމީދުތަކާއި ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ހުވަފެންތައް ފުނޑުފުނޑު ކޮށްލަން ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ. 

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ރޭ ށ.މަރޮށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން ޝިފާޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ރައްޔިތުންނަށް އެތައް އަނިޔާއެއްދީ އަދި އެމްއެންޕީގައި އިސްކޮށް މިހާރު ތިއްބެވި ބޭފުޅުން ވެސް ހިފާ ހައްޔަރުކުރި ސަރުކާރެއް ކަމަށެވެ.

"އެހެން ނަމަވެސް އެމްއެންޕީން މިއަދު އެ މަސައްކަތް ކުރަނީ އެ ބޭފުޅުންނަށް (ޕީޕީއެމް) ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯދައިދޭން" ރައީސް އޮފީހުގެ މިނިސްޓަރު ކަން ވެސް ކުރައްވާ ޝިފާޒު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި މިފަހަރު އެމްޑީޕީން ނަގައިފިނަމަ ދެން ސިޔާސީ މައިދާނުގައި އެ ޕާޓީއާއި ކައިރި ނުވެވޭނެ ކަން އެމްއެންޕީއަށް ޔަގީންވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކަން އެ ކުރަނީ ކާކަށް ކޮންކަމެއް ކޮއްދެންތޯ. ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް އެތައް އަނިޔާއެއް ކުރިމަތި ކުރުވި ސަރުކާރެއެއް. އަދި އެ ޕާޓީގެ ބޭބޭފުޅުންވެސް ނަގާ ހައްޔަރު ކުރި ސަރުކާރެއް. އެހެންނަމަވެސް މިއަދު އެމްއެންޕީން އެ މަސައްކަތް ކުރަނީ އެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯދަދޭން،" ޝިފާޒު ވިދާޅުވިއެވެ.

އެެމްއެންޕީއަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ނުކުރެވޭނެކަން ކަށަވަރު ވުމުން މިހާރު އެ ޕާޓީން އެ މަސައްކަތް ކުރަނީ އިދިކޮޅު ޕީޕީއެމަށް ގޮނޑި ކާމިޔާބު ކޮށްދޭންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭންގެ ފޯރިގަދަވެފައިވާއިރު ސަރުކާރާއި އެމްޑީޕީގެ އިސްވެރިން އަދި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އިސް ގިނަ ބޭފުޅުންތަކެއް ވެސް މިވަގުތު ތިއްބެވީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގަ އެވެ. އެމްއެންޕީގެ ކެމްޕޭން ވެސް މާލެ އާއި ކޮމަންޑޫ ދާއިރާގައި ކުރިއަށް އެބަދެ އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު