ދުނިޔެ
ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގެ އަގު، ޕުޓިން ދައްކަންޖެހޭނެ: ބައިޑެން
އެމެރިކާގެ ރައީސް ޖޯ ބައިޑެން
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއަކީ އަމިއްލައަށް ފެންނަ ގޮތަކަށް ވެރިކަމުގެ ކަންތައް ހިންގަވާ ހުދުމުހުތާރު ޑިކްޓޭޓަރެއް ކަމަށާއި، ރަޝިޔާ ސިފައިން ލައްވާ ޔޫކްރޭނަށް ދެމުންދާ ހަމަލާތަކުގެ އަގު، ރައީސް ޕުޓިން ދައްކަންޖެހޭނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ރައީސް ބައިޑަން މިފަދައިން ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވަމުން އެމެރިކާގެ ކޮންގްރެސްގައި ރޭ ދެއްވި ރިޔާސީ ބަޔާނުގަ އެވެ.

މީގެ ހަތް ދުވަސްކުރިން ރަޝިޔާއިން ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަމަޖެހުމަށް ލޮޅުންއެރި ނަމަވެސް މުޅި ދުނިޔެއިންވެސް ދައްކަމުންދަނީ އެއްބައިވަންތަކަންކަމަށް ބައިޑަން ވިދާޅުވިއެވެ. އެހެންކަމުން ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައެއް އިޢުލާނުކުރައްވާފައިވާ ޕުޓިންނަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވަނީ އޭނާ ތައްޔާރުވެވަޑައިގެން ހުންނެވި ޙާލަތަކާ ނޫންކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

އެ ގޮތުން ބައިޑަން ވިދާޅުވީ ޕުޓިން ހީކުރެއްވީ ޔޫކްރެއިނަށް ރަޝިޔާގެ ފައުޖުތައް ޙަމަލާ ދިނުމަށްފަހު އޭނާ ބޭނުންފުޅުވައި ކަންކަން ވަރަށް ފަސޭހަކަމާއެކު ޙާޞިލްކުރެއްވޭނެކަމަށާއި ދުނިޔެއިން އަޅާނުލައި އޮންނާނެކަމަށެވެ. ނަމަވެސް ކަންހިނގަމުންދަނީ އެހެން ނޫންކަމަށާއި ޕުޓިންނަށް ބޮޑު ހައިރާންކަމަކާއި ދެކޮޅުވެރިކަމަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

"މީގެ ހަ ދުވަސް ކުރިން ރަޝިޔާގެ ލަޑިމިއާ ޕުޓިން މަސައްކަތް ކުރީ، އޭނާގެ ބިރުދެއްކުންތަކަށް މިނިވަން ދުނިޔެ ބޯލަނބާނެ ކަމަށް ހީކޮށް، މިނިވަން ދުނިޔޭގެ ބިންގާ ގުޑުވައިލަން. އެކަމުގައި އޭނާ އަށް ހިސާބު ޖެހުނީ ވަރަށް ގޯސްކޮށް،" ބައިޑަން ވިދާޅުވި އެވެ.

ބައިޑަން ވިދާޅުވީ ޕުޓިން ހީކުރެއްވީ އޭނާ ބޭނުން ގޮތެއް ޔޫކްރޭނަށް ހަދައިލެވޭނެ ކަމަށާއި، އެ ހުރިހާ ކަމެއް ކުރާއިރު ދުނިޔެ ބަލަން އޮންނާނެ ކަމަށެވެ.

"އޭގެ ބަދަލުގައި އޭނާއާ ކުރިމަތީވީ އޭނާ ހީވެސް ނުކުރާ އަދި ހިޔާލަށް ވެސް ނުގެނެވޭ ފަދަ ވަރުގަދަ ފާރެއް. އޭނާއާ ބައްދަލުކުރީ ޔޫކްރޭންގެ ރައްޔިތުން،" ބައިޑެން ވިދާޅުވި އެވެ.

ޕޫޓިންގެ ރޭވުންތަކާއި އޭނާގެ ޖަރީމާތަށް ކުރީބައިގައި މުޅި ދުނިޔެއާ ހިއްސާކޮށްފައިވާނޭ ކަމަށްވެސް ބައިޑަން ވިދާޅުވި އެވެ. އަދި ރަޝިޔާގެ ފްލައިޓްތަކަށް އެމެރިކާގެ ވައިގެ ސަރަޙައްދު ބަންދުކުރާނެކަމަށާއި، މިކަމުގެ ސަބަބުން ރަޝިޔާ އިތުރަށް އެކަހެރިވެގެންދާނެކަމަށް ބައިޑެން ވިދާޅުވިއެވެ.

ޔޫކްރެއިނުގައި ކުރައި ހަނގުރާމައަކީ މިނިވަންކަމާއި ޚުދުމުހުތާރުކަމާ ދެމެދުކުރަމުންދާ ހަނގުރާމައެއްކަމަށް ސިފަކުރައްވަމުން ބައިޑަން ވިދާޅުވީ ދިމީޤްރާޠީ ހަމަތައް ގެންގުޅޭ ފަރާތްތަކަށް އަބަދުވެސް ކާމިޔާބު ލިބޭނެކަމަށެވެ.

"އަބަދުވެސް އަނިޔާވެރި ކަމުގެ މައްޗަށް، މިނިވަންކަމަށް ނަސްރު ލިބޭނެ،" ފުރަތަމަ ރިއާސީ ބަޔާނުގައި ބައިޑެން ވިދާޅުވި އެވެ.

ރަޝިއާ ބުނާގޮތުން މިހާތަނަށް އެގައުމުން ވަނީ ޔުކްރޭން ސިފައިންގެ 1500 އަށްވުރެ ގިނަ އެކި ބާވަތުގެ އަސްކަރީ މަރުކަޒުތައް ގޮއްވާލައި އެތަންނުގެ ބޭނުން ނުކުރެވޭވަރު ކޮށްފައެވެ. މީގެތެރޭގައި ވައިގެ ބޭސްތަކާއި އެއާޕޯޓްތަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކާއި ހަތިޔާރު ގުދަންތައް ހިމެނޭކަމަށް ވެއެވެ.

ކިޔޭވް ގެ ދިފާއުގައި ޔުކްރޭންގެ ސިފައިންގެ އިތުރުން އެސިޓީގެ ޢާއްމުން ހަތިޔާރު ހިފައި ގެރިއްލާ ބޮޑު ހަނގުރާމައަކަށް ތައްޔާރުވުމުން ކިޔޭވް ހިފުމުގައި އުއްމީދުކުރިވަރުގެ ކުރިއެރުމެއް ހޯދުމަށް މިހާތަނަށް ރަޝިއާއަށްވަނީ ދަތި ކަމަކަށް ވެފައެވެ.

ކިޔޭވް ހިފުމަށްޓަކައި ރަޝިއާ މިހާރު ތައްޔާރުކޮށްފައިވަނީ ވަރަށް ބިޔަ ލަޝްކަރެކެވެ. އެލަޝްކަރުގެ ދިގުމިން 64 ކިލޯމީޓަރަށް ދެމިގެން ގޮސްފައިވާކަމަށާއި އެލަޝްކަރު ކިޔޭވް އާ ގާތްވަމުންދަނީ ވަރަށް މަޑުމަޑުންކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚަރްކީވްގެ މެދުތެރޭގައި ހުރި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި އާންމުންގެ ބައެއް މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވި އެވެ.

އެ ސަހަރުގެ މެދުތެރޭގައި އޮންނަ މިނިވަންކަމުގެ މައިދާނާ ވަރަށް ކައިރީގައި ހުރި ސަރުކާރުގެ އޮފީސް އިމާރާތްތަކަށާއި އޮޕެރާ ހައުސް އާއި ކޮންސަޓް ހޯލަށް ދިން ހަމަލާތަކުގައި މަދުވެގެން 21 މީހަކު މަރުވެ އިތުރު 112 މީހުން ޒަހަމްވި އެވެ. 

އިއްޔެގެ މެންދުރު ކުރިން ރަޝިޔާ ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގައި، ވެރިރަށް ކިޔޭވްގައި ހުރި ޓީވީ ޓަވަރު ވަނީ ގޮއްވާލައިފަ އެވެ. އެ ޓަވަރު ގޮއްވައިލުމުގެ ސަބަބުން ޔޫކްރޭންގެ ގައުމީ ޓީވީ ޗެނަލްތަކުގެ ހިދުމަތް ގަޑިއިރުތަކަކަށް މެދުކެނޑިގެން ދިޔަ އެވެ.

އަންގާރަ ދުވަހު ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނީ މައުލޫމާތުގެ އެހީގައި ރަޝިއާއަށް ދޭ ހަމަލާތައް ހުއްޓުވަން ކިޔެވްގެ ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗާއަށް ހަމަލާތައް އަމާޒު ކުރާނެ ކަމަށެވެ.

އެގޮތުން އޭރު އިއުލާނު ކުރި ޓާގެޓުތަކަކީ އެސްބީޔޫ ސެކިއުރިޓީ ސާވިސް އާއި ސިފައިންގެ ސައިކޮލޮޖިކަލް އޮޕަރޭޝަންސް ޔުނިޓެވެ. ނަމަވެސް ޓީވީ ޓަވަރުގެ ނަން ފާހަގަކޮށްފައެއް ނުވެ އެވެ.

ބައެއް ނޫސްތަކުން ބުނާ ގޮތުގައި ރަޝިޔާ ސިފައިންނާއި ޔޫކްރޭން ސިފައިންނާ ދެމެދު މިއަދު އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދަނީ ޚަރްކީވްގެ މަގުތަކުގަ އެވެ. ރަޝިޔާ ސިފައިން ރެޔާއި މިއަދު ދިން ހަމަލާތަކުގައި ޚަރްކީވްގެ ބައެއް އިންޖީނުގެތަކަށް ވެސް ހަމަލާ ދީފައިވާ ކަމަށް ނޫސްތަކުން ބުނެ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި ޚަރްކީވްގެ މަދަނީ ތަންތަނަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެކެވެ. ރަޝިޔާ ސިފައިން އިއްޔެ ހަމަލާތައް އަމާޒުކުރި ތަންތަނަކީ ޔޫކްރޭން ސިފައިންގެ މަގާމުތަކެއް ނޫން ކަމަށާއި އެއީ އާންމުން ވަޒީފާ އަދާކޮށް އާންމުން ހިދުމަތް ހޯދާ ތަންތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު