ޚަބަރު
ކުއްލި ހާލަތު ނިމުނަސް، އޮންލައިންކޮށް ޝަރީއަތްތައް ބޭއްވޭނެ: ސުޕްރީމް ކޯޓު
ކޮވިޑާހެދި އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލި ނަމަވެސް، އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތުގެ މައްސަލަތައް ކުރިޔަށް ގެންދިޔުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ، ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިކަން އިޢުލާނުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު"އަށް ޢަމަލުކުރުން 13 މާރިޗު 2022 ގައި ވަނީ ނިމުމަކަށް އައިސްފައިވާކަމަށެވެ.

ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނެފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކޯޓުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީއާތުގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން، އަވަސްކަމާއި ފަސޭހަކަމާއެކު، އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން، ޢަދުލު އިންޞާފަށް ވާސިލުވުމުގެ މަގު ފަހިވެ، ހަލުވިކަމާއެކު ޝަރީޢަތްތައް ހިންގައި މައްސަލަތައް ނިންމުމަށް މަގުފަހިވެފައި ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި، ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭނެ ގޮތެއްގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި، އަޑުއެހުންތަކާގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ސުޕްރީމް ކޯޓުން މިހެން އިއުލާންކުރިއިރު، ކޮވިޑުގެ ކުރިން އާންމުކޮށް ޝަރީއަތުގެ މައްސަލަތައް ކުރިޔަށް ގެންދަނީ މީހުން ކޯޓަށް ހާޒިރުކޮށްގެންނެވެ. އެއާއެކު ވަސީލަތްތައް މަދުވުމާއިި، ޖާގައިގެ ދަތިކަން އަދި މައްސަލަތަކުގެ ސަބަބުން އާންމުން މާލެއަށް ދަތުރުކުރަން ޖެހި ގިނަ ހަރަދުތަކެއް ކުރަންޖެހޭކަމުގެ ޝަކުވާތައް އަބަދުވެސް ދިޔައީ އިވެމުންނެވެ.

ނަމަވެސް ކޮވިޑާއެކު އޮންލައިން ޝަރީއަތްތައް އާންމުވުމުން، ގިނަ ބަޔަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދިޔަކަމަށް ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު