ޚަބަރު
ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރަން ސިންގަޕޫރާއެކު އެއްބަސްވުމަކަށް
ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސިންގަޕޫރު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ޓްރާންސްޕޯޓް ކޯޕަރޭޝަން އަދި އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާކުރުމުގެ އެއްބަސްވުމެކެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިންގަޕޫރުގެ މިނިސްޓާ އޮފް ޓްރާންސްޕޯޓް އަދި މިނިސްޓާ އިންޗާޖް އޮފް ޓްރޭޑް ރިލޭޝަންސް މިނިސްޓަރު އެސް އިސްވަރަން އެވެ.

ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ދަށުން، ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުފަތުރުގެ ދާއިރާގެ ގުޅުން އިތުރަށް ވަރުގަދަ ކުރެވިގެންދާނެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ދަށުން ރާއްޖެއާއި ސިންގަޕޫރާ ދެމެދު ދަތުރުފަތުރުގެ ދާއިރާގައި އިތުރަށް ގުޅުން ވަރުގަދަ ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ވައިގެ ދަތުުރުފަތުރާ ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާ އިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މަގުމަތީގެ ޓްރެފިކް މެނޭޖުކުރުމުގައި އެހީތެރިކަން ލިބޭނެ އެވެ. އަދި މަތިންދާ ބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި، ވައިގެ ދަތުުރުފަތުރުގައި ހިނގާ ހާދިސާތައް ތަހުގީގުކުރުމުގައި ވެސް އެހީތެރިކަން ލިބިގެންދާނެ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ނަހްލާ ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ގައުމުން ވެސް އަހައްމިއްޔަތުކަން ދޭކަން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ސިންގަޕޫރުގެ މިނިސްޓަރު ވިދާޅުވީ ސިންގަޕޫރާއި ރާއްޖެއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި މި އެއްބަސްވުމާއެކު ދަތުރުފަތުރުގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު