ޚަބަރު
ހެލްތު ޗެކަޕެއް ހެއްދެވުމަށް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
މި ފަހުން ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާއި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެން ހެލްތު ޗެކަޕްއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ރޭ ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅާ ގުޅުވައި ރައީސް އޮފީހުން ބުނީ، ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

އޭގެ ކުރިން މިރޭ އޮތް ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މީގެ ދެތިން ރޭ ކުރިން އާރަށުގައި ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑަކީ މާ ކުޅިވަރުގެ މީހެއް ނޫނަސް، ހަފުތާއަކު ތިން ދުވަހު ފުޓުބޯޅަ ކުޅެވޭތޯ ބަލަން އާ ރަށުގައި އޮންނަ ދަނޑުގައި. އެންމެ ފަހުން ކުޅުނު ރޭ... ވީ ގޮތަކުން ކުޑަ އިންޖަރީއެއް ވީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ސިންގަޕޫރަށް ވަޑައިގަންނަވަނީ ފުޓުބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން މާލޭގައި ތިބި ޑޮކްޓަރުންނަށް ދެއްކުމަށް ފަހު "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެވުމުގެ ވެސް ބޭނުމުގަ އެވެ. އަދި މީގެ ދެތިން އަހަރު ކުރިން ކުރި ސާޖަރީއެއްގެ ރެގިއުލާ ޗެކަޕްއަކަށެވެ.

ހަސަންކުރުސީގެ ނަމުގައި ހިންގާ "އެކްސް" އެކައުންޓުން ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒަށް ރޭ ވަރަށް ބޮޑަށް މައިގްރޭންގެ ތަދު އައިސްގެ މިރޭ ސިންގަޕޫރަށް ވަޑައިގަތުމަށް ވަނީ ނިންމައިފަ އެވެ.

ރައީސް މުއިއްޒު ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ދެ ދުވަސް ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު