
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރަޝިޔާއިން ވަނީ މިއަދު މެންދުރުފަހު ޖޯ ބައިޑަން އާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.އެދެބޭފުޅުން ހިމެނޭހެން އެމެރިކާ ސަރުކާރުގެ އިސް 13 މީހެއްގެ މައްޗަށް މިއަދު ރަޝިއާ އިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އޭގެތެރޭގައި ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް މާކް މިލޭ އާއި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސަލިވަން އާއި ސީއައިއޭގެ ޑިރެކްޓަރ ވިލިއަމް ބާންސް އާއި ވައިޓްސް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕްސާކީ ވެސް ހިމެނެއެވެ.ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ ބައިޑަންއާ ދެކޮޅަށް ފިޔަވަޅު އެޅީ ރަޝިޔާއާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ."މިއީ އެމެރިކާ އިން ރަޝިޔާއާ ދެކޮޅަށް ގެންގުޅޭ ރަޝިޔާފޯބިކް ސިޔާސަތުގެ ނަތީޖާ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ވަނީ އިގްތިސާދީ ގޮތުން ރަޝިޔާ އަށް ދަތިކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގޮތުން ވިލާތުގެ ގައުމުތަކުގައި ހުރި ރަޝިޔާގެ ފައިސާތައް ހިފަހައްޓައި ރަޝިޔާގެ ބޭންކުތަކާ އެކު މާލީ މުއާމަލާތްތައް ހިންގުން މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.އޭގެ އިތުރުން ބައިނަލްއަގުވާމީ ބޮޑެތި ވިޔަފާރި ކުންފުނިތަކުން ރަޝިޔާގައި ކުރަމުން އައި ވިޔަފާރިތައް ހުއްޓާލައި، ރަޝިޔާގައި އިންވެސްޓުކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ. އަދި ހުޅަނގުގެ ގައުމުތަކުގައި މިހާރު ތިބި ރަޝިޔާގެ މަހުޖަނުންގެ އަގުބޮޑު މުދާތައް ހިފެހެއްޓުން ފަދަ ފިޔަވަޅުތައް ވެސް، ވިލާތުގެ ގައުމުތަކުން އަންނަނީ އަޅަމުންނެވެ.ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ރަޝިޔާއިންވަނީ ފަށައިފައެވެ. އަދި ހަނގުރާމައިގެ ފުރަތަމަ ދެތިން ގަޑިއިރުގެ ތެރޭގައި ރަޝިޔާގެ ފައުޖުތަކުންވަނީ ޔޫކްރެއިނުގެ ވައިގެ ސިފައިންގެ ބާރު އެއްކޮށް ކަނޑުވާލައިފައެވެ. އޭގެ ފަހުން ފާއިތުވި ތިން ހަފުތާގެ ތެރޭގައި ރަޝިޔާގެ އަސްކަރިއްޔާއިން ދެމުންދާ ޙަމަލާތަކުގައި ޔޫކްރެއިނުގެ 1،300 ޓޭންކަރާއި 600 މިސައިލް ލޯންޗަރާއި 145 އަސްކަރީ ޑުރޯންވަނީ ނައްތާލައިފައެވެ. އޭގެ އިތުރުން ޔޫކްރެއިނުން ބޭނުންކުރަމުންދިޔަ ގިނަ ޢަދަދެއްގެ އަސްކަރީ ރާޑަރުތަކާއި ހަތިޔާރު ގުދަންތަކަށްވެސްވަނީ ރަޝިޔާގެ ޙަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ބަދަލުކުރި ޙަމަލާތަކުގައި ޔޫކްރެއިނުގެ 1،300 ސިފައިންވަނީ މަރުވެފައެވެ.