ޚަބަރު
މައްސަލަ ނިމެންދެން އެޗްޑީސީގެ ދަށުގައި ހުޅުމާލެ ބާއްވަން ހައިކޯޓުން ތާއީދުކޮށްފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ހައްދައިދީފައިވާ ހުޅުމާލޭގެ ދެ ފޭސްގެ ރަޖިސްޓްރީ ބާތިލްކުރަން ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކޮށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން އެ މައްސަލަ އެޗްޑީސީގެ ފަރާތުން ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ. ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނެރެ ނުދީފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް އެ ކުންފުންޏަށް ލިބިގެން ހިނގައިދާނެތީ މާލޭ ސިޓީ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކުރާ ކަމަށެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރު މާލެ ސިޓީ ކައުންސިލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލައިގައި ހައިކޯޓުން މިއަދު ވަނީ ސިވިލް ކޯޓުގެ ވަގުތީ އަމުރަށް ތާއީދު ކޮށްފައެވެ.

"ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށާއި ވަށައިގެން ހުރި ކަންކަމަށް ބެލުމުން މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދީފި ނަމަ އިޔާދަ ނުކުރެވޭ ވަރުގެ ނުވަތަ އިސްލާހު ނުކުރެވޭ ވަރުގެ ގެއްލުމެއް އެޗްޑީސީއަށް ލިބިގެން ހިނގައިދާނެކަން އެނގޭ،" ހުކުމްގައި ބުންޏެވެ.

ހައި ކޯޓުން ބުނީ މި މައްސަލައިގައި ވަގުތީ އަމުރެއް ނެރުމުން ކައުންސިލަށް ލިބޭ ގެއްލުމަށް ވުރެ، ވަގުތީ އަމުރެއް ނުނެރުމުން އެޗްޑީސީއަށް ލިބޭ ގެއްލުން ބޮޑު ކަމަށް ފެންނަ ކަމަށެވެ.

އެހެންކަމުން، ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބަލަހައްޓަވައި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި މުހައްމަދު ފައިސަލް ހިމެނިވަޑައިގެންނެވި ބެންޗުގެ އިއްތިފާގުން ނިންމީ ސިވިލް ކޯޓުގެ ވަގުތީ އަމުރަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަމީރެވެ.

އެޗްޑީސީ އާއި ސިޓީ ކައުންސިލްގެ ދެމެދުގައި ކޯޅުން ބޮޑުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އުޅުމުން ހުއްދަ ނުނަގައި ހުޅުމާލޭގައި ޖަލްސާއެއް ނުބޭއްވޭނެ ކަމަށް އެޗްޑީސީން އެންގި ހިސާބުންނެވެ.
އެޗްޑީސީއަށް ހަދައިދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލުކުރި މައްސަލައިގައި އެލްޖީއޭއިން ވަނީ ރަޖިސްޓްރީ ބާތިލްކުރުމަށް ނިންމި ނިންމުމަކީ، އެކައުންސިލަށް ނިންމޭނެ ނިންމުމެއް ނޫންކަމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު