ދުނިޔެ
ޕާކިސްތާންގެ މަޖިލީސް އުވާލީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން -- ފޮޓޯ/ ރޮއިޓާސް
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހުން ހުރަސްއެޅީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެ ގައުމުގެ ސުޕުރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު މިދިޔަ އާދީއްތަ ދުވަހު ނެގުމަށް ހަމަޖެހިފައިވީ ނަމަވެސް އެ މައްސަލަ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ. އެއާއެކު އިމްރާން ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލުމަށްފަހު އަވަސް އިންތިހާބަކަށް ގޮވާލާފަ އެވެ.

އިމްރާންގެ މި ނިންމުން އެގައުމުގެ އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިރޭ ކުރި ހުކުމުގައި ބުނީ ސަރުކާރުގެ އެ ނިންމުން ގާނޫނާ ހިލާފު ކަމަށާއި އެއީ އަމަލުކުރަންޖެހޭ ނިންމުމެއް ނޫން ކަމަށެވެ. އަދި ކޯޓުން ވަނީ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ އިމްރާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އަންނަ ހޮނިހިރު ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް އަމުރުކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ  ވޯޓުން އިމްރާން ޚާނަށް ނާކާމިޔާބު ވެއްޖެ ނަމަ އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކުރަމުން ދަނީ އާ އިންތިޚާބެއް ނުބާއްވައި އޮގަސްޓް 2023 އާ ހަމައަށް ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނާނެ ބޭފުޅަކު ހަމަޖެއްސުމަށެވެ. ބެލެވޭ ގޮތުގައި ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނީ ޕާކިސްތާން މުސްލިމް ލީގު-އެން (ޕީއެމްއެލް-އެން) ގެ ލީޑަރު ޝަހުބާޒް ޝަރީފެވެ.

ސުޕްރީމް ކޯޓުން ހުކުމްކޮށްފައި މި ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަން ފެށުނުތާ ހަތަރު ދުވަސް ފަހުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ މަޖިލީހަށް ހުށަހެޅީ ކާމިޔާބު ކުރާނެ އަދަދުތަކެއް އިދިކޮޅު ފަރާތްތަކުން އަތުގައި ހުރި ކަމަށް ބުނެފައި ވަނިކޮށެެވެ.

ޕާކިސްތާނުގެ 342 ގޮނޑި ހިމެނޭ ޕާލަމެންޓްގައި އިދިކޮޅު ފަރާތްތަކަށް ބޭނުންވަނީ 172 ވޯޓުގެ މެޖޯރިޓީއެކެވެ.

ބޮޑުވަޒީރު ޚާން މަގާމުން ދުރުކުރުމަށް އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ 17 މެމްބަރުންނާއެކު ކޯލިޝަންގެ އިސް ބައިވެރިން ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިފައެވެ.

ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން 2018ގައި ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަން ނައްތާލާނެ ކަމުގެ ވައުދާ އެކު އެވެ. އަދި ވެސް އޭނާ ގިނަ ބައެއްގެ މެދުގައި މަގުބޫލެވެ. ނަމަވެސް ތަކެތީގެ އަގުތައް މައްޗަށް ދާތީ އޭނާގެ ތާއީދު ދަނީ ދަށްވަމުންނެވެ. އަދި މިދިޔަ ހަފުތާގައި ވަނީ މަޖިލީހުގެ އަގުލަބިއްޔަތު ގެއްލިފަ އެވެ.

މަސްރަހު ދިރާސާކުރާ މީހުން ބުނަނީ އިމްރާނަށް އަސްކަރިއްޔާގެ ތާއީދު ގެއްލިފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމަކީ ޕާކިސްތާނުގެ މަސްރަހު އިތުރަށް ގޯސްވާނެ ކަމެކެވެ.

ޕާކިސްތާނުގައި އަދި މިހާތަނަށް އެއްވެސް މީހަކަށް ބޮޑުވަޒީރުކަމުގެ ދައުރު ފުރިހަމަ ކުރެވިފައެއް ނުވެ އެވެ. މިއީ 2018 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި އިމްރާން ޚާން އަށް ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ގޮންޖެހުމެވެ. އިދިކޮޅު ފަރާތްތަކުން އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރަން އުޅުނީ އިގްތިސާދު މެނޭޖް ނުކުރުމާއި ހަރުދަނާ ޚާރިޖީ ސިޔާސަތެއް ނެތް ކަމަށް ބުނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު