ޚަބަރު
ފުލުހުން ބޭންކްތަކަށް ބިރުދައްކައިގެން ކަސްޓަމަރުންގެ އެކައުންޓްތަކުގެ މައުލޫމާތު ހޯދާ: ރައީސް ޔާމީން
މިރޭގެ ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ - ޕީޕީއެމް
ދިވެހި ފުލުހުން ބޭންކްތަކަށް ބިރުދައްކައިގެން ކަސްޓަމަރުންގެ އެކައުންޓްތަކުގެ މައުލޫމާތު ހޯދާ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ގާނޫނުތައް ވެސް ބަދަލުވާން ޖެހޭ ކަމަށާއި ސަބަބަކީ ގިނަ ގާނޫނުތައް ހުރީ ރައްޔިތުން ކުށްވެރިންނަށް ހެދޭ ގޮތަށް ކަމަށެވެ. އެގޮތުން މީހުންގެ އަމިއްލަ ބޭންކް އެކައުންޓްތަކުގެ ހުރިހާ މައުލޫމާތެއް ތަހުގީގީ އިދާރާތަކަށް ލިބޭ ކަމަށާއި އެއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި އޮންނަ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

ރައީސް ޔާމީން ވިދާޅުވީ ޤާނޫނު ހެދިފައި ހުރުމުން އެ ޤާނޫނު ބޭނުންހާ ގޮތަކަށް ބޭނުންކުރަން ޖާގަ ދެވިގެން ނުވާނެކަމަށެވެ.

"ދިވެހިރާއްޖޭގެ މުޅި ގާނޫނީ ވެށި ބަދަލުވެފައި ބިނާވެފައި މި އޮތީ އަދަބު ދިނުމަށް އުގޫބާތުގެ މައްޗަށް. މިއެއް ނޫން ގާނޫނު ހުންނަންވީ ސަބަބަކީ. ގާނޫނު ހުންނަންވީ ކަންކަން ފަހިކޮށްދޭން. ގާނޫނު ހުންނަންވީ މީހުންގެ މުދަލާއި މީހުންގެ ފައިސާ އާއި މިކަހަލަ މުއާމަލާތްތައް ރައްކާތެރިކޮށްދޭން." ޔާމީން ވިދާޅުވި އެވެ.

ރާއްޖޭގެ ޤާނުނު ހެދިފައި ހުރި ގޮތުން ތިމާގެ އެކައުންޓަށް ތިމާއަށް ނޭނގި ފައިސާ ވަދެފި ނަމަ އެ މީހަކު ކުށްވެރިވެގެން ކޮންމެ ދުވަހު ދެ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އަނިޔާވެރިކަން ކުރިއަށް ނެރެ މީހުން ހައްޔަރުކުރަން ސިފައިންނާއި ފުލުހުން ކުރަމުންދާ މަަސައްކަތަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ މިއަދު ހައްޔަރު ކުރެވިދާނެ ކަމަށާ ނަމަވެސް މިއަދު އޮތް ހާލަތު ބަދަލުވާނެކަން ދަންނަން ޖެހޭ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިން ނިކުމެ މީހުން ހައްޔަރުކުރާއިރު އިންޓެލިޖެންސް ރިޕޯޓް އޮތް ނަމަ ހައްޔަރު ނުކޮށް ދައުވާ ކުރަން ވީ ކަމަށެވެ. އަދި ދައުވާނުކޮށް ޖަލުގައި މީހުން ގެންގުޅުމަކީ ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ ޖަވާބުދާރީވާން ފުރުސަތު ދިނުމެއް ނެތި ހައްޔަރު އަމުރު ނެރުމަކީ ވެސް ބަދަލުވާންޖެހޭ ނިޒާމެއް ކަމަށެވެ. އަދި އެގޮތަށް އެތައް ދުވަހަކު ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލުމުން އެ މީހަކަށް ލިބޭ ސިއްހީ އަދި އެ ނޫން ވެސް ގެއްލުންތަކަށް ބަދަލު ލިބޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އެންމެ ކުޑަމިނުން މިހާރު ބަދަލު ނަގައި ދޭންޖެހޭއިރު އެންމެ ކުޑަމިނުން އެބަޖެހޭ މި މީހުންގެ މިކަހަލަ މައްސަލައެއް ދިމާވެއްޖެ ކަމަށް ވަންޏާ ދައުލަތުގެ ޚަރަދުގައި ބޭސްކޮށްދޭން. އެއީ ބަދަލު ނަގައިދެވޭނެ އުސޫލެއް މިތާނގައި ނެތީމަ." އިދިކޮޅު ލީޑަރު ޔާމީން ވިދާޅުވި އެވެ. 

"މިއަދު ނިކުމެދާނެ ޕޮލިސް އިންޓެލް ރިޕޯޓެއް މީހަކާ ބެހޭގޮތުން ކޮންމެ އެއްޗެކޭ ކިޔާފައި ވެސް. ހަމަ ނިކުތީ ފަނޑިޔާރުން އެވީ އޭގެ މައްޗަށް ބިނާކޮށް މީހަކު ހައްޔަރު ކުރަން. މިއީ އަޅުގަނޑަށް ގަބޫލު ކުރެވޭ އުސޫލެއް ނޫން'" 

ޔާމީން އެގޮތަށް ވިދާޅުވީ 'އިންޑިއާ އައުޓް' ކެމްޕެއިން ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދެ ފަހަރަށް ހައްޔަރު ކުރުމުންނެވެ. ދެ ފަހަރު ވެސް ކޯޓުން ނިންމީ އޭނާ ދޫކޮށްލުމަށެވެ.

ރައީސް ޔާމީން މިރޭ ވެސް ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. އަދި އެ ހަރަކާތް ހުއްޓުވަން އިންޑިއާ އިން އެހާ ވަރަށް ބޭނުން ވަނީ އިންޑިއާ އިން ރާއްޖޭގައި ހިންގަމުންދާ "ޖަރީމާ" ތައް ފޮރުވުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަން ފޮރުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ "ޖަރީމާ" ތައް މުޅި ދުނިޔެއަށް ހާމަ ކުރެއްވުމުގައި ދެމި ތިއްބަވާނެ ކަމަށް ވިދާޅުވިއެވެ. "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރުން އެހާ ދަށު ދަރަޖައަކަށް ވެއްޓިފައި ވަނީ އިންޑިއާގެ ދަށުވެފައިވާ މިންވަރުން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

"މިހާވަރަކަށް ދެއްތޯ ބަޔަކު ދެން ދަށުވާނީ. އެއްވެސް ކަހަލަ އިއްޒަތެއް އަބުރެއް ޝަރަފެއް ދަންނަ ބައެއް ނޫން މިއީ. އެހާ ބޮޑަށް ފިތިފަ ބާރުވެފައި އެ ތިބީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިސްވެ ފައްޓަވާފައިވާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ރައީސް ސޯލިހް ވަނީ ކަނޑައަޅުއްވާފައެވެ. އެ ގަރާރު ތަންފީޒު ކުރުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް އަމުރުކުރުމުން "އިންޑިއާ އައުޓް" ކެންޕެއިނާ ގުޅުން ހުރި ކޮންމެ ހަރަކާތެއް އެ ދެ މުއައްސަސާއިން ދަނީ ހުއްޓުވަމުންނެވެ. އެ ކެމްޕެއިނާ ގުޅުން ހުރި ބެނާތަކާއި ދިދަތަކާއި ޕޯސްޓަރުތައް އަދި ލިޔުންތައްވެސް ދަނީ ނަގަމުންނެވެ. މީގެ އިތުރުން އެއްވުންތަކާއި މުޒާހަރާތައްވެސް ހުއްޓުވައެވެ. 

އިންޑިއާ އައުޓް ހަރަކާތުގެ ތެރޭގައި ހިމެނޭ މުޒާހަރާތައް ހުއްޓުވާ، މީހުން ހައްޔަރުކޮށް، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަމުންދާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު