ޚަބަރު
ކުޑަކުދިންނަށް ކުރާ އަނިޔާގެ 103 މައްސަލަ މިދިޔަ މަހު ޖެންޑާއަށް ހުށަހެޅިފައިވޭ
ކުޑަކުދިންނަށް ކުރާ އަނިޔާގެ 103 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރިއަށް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރުމަށް ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މިނިސްޓްރީ އަށް މިދިޔަ މަހު ޖުމްލަ 184 މައްސަލަ ރިޕޯޓުކޮށް، ބަލަން ފަށައިފައިވެ އެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް، މިދިޔަ މަހު ވެސް އެންމެ ގިނައިން އެ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. ޖުމްލަ 103 މައްސަލައެއް ހުށަހަޅާފައިވާއިރު އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ގޯނާގެ 30 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 29 މައްސަލަ އާއި އިހުމާލުގެ 16 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިބާވަތުގެ މައްސަލަތަކުގެ އިތުރުން ބިރުދެއްކުމުގެ ހަތް މައްސަލަ އާއި ނަފްސާނީ އަނިޔާކުރުމާއި އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ ހަތަރު މައްސަލަ އާއި ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލައަކާއި ފާރަލުމުގެ މައްސަލައެއްގެ އިތުރުން ގަދަކަމުން ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހިމެނެއެވެ.

ޢާއިލީ 21 މައްސަލަ އެޕްރީލްމަހު މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 11 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ ހަތަރު މައްސަލަ އެޕްރީލްމަހު ރިޕޯޓުކޮށްފައިވެއެވެ.

އެއީ ސާފު ބޯފެނާއި ކަރަންޓްގެ ޚިދުމަތް ކަނޑާލުމުގެ ހަތަރު މައްސަލައެވެ. މީގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި ހަތަރު މައްސަލަ އެޕްރީލް މަހު ވަނީ ހުށަހަޅައިފައެވެ.

މިދިޔަ މަހުގެ ދައުލަތުގެ ބެލުމުގެ ދަށަށް ތިން ކުއްޖަކު ނަގައިފައިވެ އެވެ. މިދިޔަ މަހުގެ ނިޔަލަށް ޖެންޑާގެ ބެލުމުގެ ދަށުގައި ތިބީ 201 ކުދިންނެވެ.

ޖެންޑާ މިނިސްޓްރީ އިން ކޮންމެ މަހަކު ތަފާސްހިސާބު ނެރޭއިރު، އަބަދުވެސް އެންމެ ގިނައިން ހުށަހަޅާފައި ހުންނަނީ ކުޑަކުދިންނަށް ކުރާ އެކި އަނިޔާގެ މައްސަލަތަކެވެ. އެންމެ ގިނައިން ހުންނަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު