ޚަބަރު
ހައެއްފަހެއް ހަމަލާ: ގާޒީ އާދަމް މުހައްމަދު ތަނާޒުލްވެއްޖެ
ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުޙައްމަދު: ހައެއް މޭގެ ހަމަލާގެ ޝަރީއަތުން މިއަދު ވަނީ ތަނާޒުލް ވެފައި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަތައް ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ގާޒީ އާދަމް މުހައްމަދު އެ މައްސަލަތަކުން ތަނާޒުލް ވެއްޖެ އެވެ. ގާޒީ އާދަމް މުހައްމަދަކީ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާއިރު ދެން ބެންޗުގައި ތިއްބަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ގޮތުންނެވެ. އެގޮތުން މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތަކުން ވެސް މިއަދު އިބްތިދާއީ ބަޔާން އިއްވުމަށް ހަމަޖެހިފައިވެ އެވެ.

މިއަދު އަޑުއެހުން ފަށަމުން ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ކްރިމިނަލް ކޯޓަށް މ. ކުދެހިގެ އިސްހާގުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވަނީ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާއާ ގުޅިގެން އިޝްހާގުގެ ދަރިއެއް ކަމަށްވާ މުހައްމަދު އިއުފާފު އިސްހާގު ގާޒީ އާދަމަށް އިންޒާރު ދީފައިވާ ކަމެވެ. އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރޭގައި ދަރީގެ ބޮޑުބެއެއް ކަމުގައިވާ މ. ކުދެހިގޭ ހަސަން ޝިފާޒް ހިމެނެ އެވެ.

ގާޒީ އާދަމް މިއަދު ވިދާޅުވީ އެކަން ގާޒީއަށް އެނގިވަޑައިގެންނެވީ އިސްހާގުގެ ސިޓީ ލިބުމުން ކަމަށާއި ބެލި ބެލުމުން އެކަން ސާފުވެވަޑައިގަތް ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ގާޒީގެ މަސްލަހަތު ހިމެނޭތީ މައްސަލައިން ތަނާޒުލްވާ ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން އިސްހާގުއާ މެދު ވަކި ގޮތަކަށް އަމަލު ކޮށްފާނެ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން މައްސަލައިން ތަނާޒުލްވާން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ. އެއަށް ފަހު މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މިދިޔަ އަހަރުގޭ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ، ކުދެހިގޭ އިސްހާގާއި އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި އަހުމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ކުރިން އޮތީ އިއްވައިފަ އެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ކަމަށް ރަސްމީ އިދާރާތަކުން ބުނާއިރު، މި ބޮން ހަދާފައި ވަނީ ބާޒާރުން އާންމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު