ޚަބަރު
ގާޒީ އާދަމަށް އިންޒާރު ދިން މީހާ ޓެގް އަޅުވައި މޮނިޓާކުރަން އެމްޑީޕީން ގޮވާލައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލައިގެ ޝަރީއަތުން ތަނާޒުލްވި ގާޒީ އާދަމް މުހައްމަދަށް އިންޒާރު ދިން މީހާ ޓެގް އަޅުވައި މޮނިޓާ ކުރަން އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ގާޒީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ.ކުދެހިގޭ އިސްހާގުގެ ދަރިއެއް، ގާޒީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަން ގާޒީ ފާހަގަ ކުރެއްވި ކަމަށެވެ.

ގާޒީގެ ފަރާތްޕުޅުން، އެ އެޅުއްވި ފަޔަވަޅަކީ، އިންސާފުން ޝަރީއަތް ކުރިއަށް ގެންދިއުމަށް މުހިންމުކަމަށް ވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް މެދުކެނޑުމެއްނެތި ގެންގޮސް ނިންމާލުމަކީ އެއަށްވުރެ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް އެމްޑީޕީއިން ބުނެފައި ވެއެވެ.

" މި ދަނޑިވަޅުގައި، ދައުލަތުގެ ވަކީލުންނަށާއި ހެކިވެރިންނަށް، ތުހުމަތު ކުރެވޭ އިސްހާގުގެ ދަރި ނުވަތަ އެހެން ފަރާތަކުން ވެސް، އަނެއްކާ ބިރުދެއްކުމަކީ އެކަށީގެންވާ ކަމެއް. އަދި ގާޒީއަށް ތަނާޒުލުވެވަޑައިގަންނަވާން ޖެހިވަޑައިގަތީ، ތުހުމަތުކުރެވޭ އިސްހާގުގެ ދަރި އަދިވެސް ދޫވެފައި، އަދި ސްޓެލްކޯގެ ވަޒީފާގައި ހުރުމުންކަމުގައި ވުމަކީ، މި ޕާޓީން ކުށްވެރިކުރާ ކަމެއް." އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރަަށް ވީހާވެސް އަވަހަށް މެއި ހައެއް ހަމަލާގެ ޝަރީއަތް ބައްލަވާ ގާޒީންގެ ބެންޗު އެކުލަވާލައި ކައިރިކައިރީ ގިނަ އަޑުއެހުންތަކެއް ބާއްވައިގެން މައްސަލަ ކުރިއަށް ގެންގޮސް އިންސާފުވެރިކަމާއެކު ނިންމައިލަން ވެސް އެމްޑީޕީން ގޮވާލާފައިވެ އެވެ.

ގާޒީ އާދަމަށް އިންކާރު ދިން މީހުންގެ ތެރޭގައި އިސްހާގުގެ ދަރިއެއް ހުރިކަން އެނގުނީ ވެސް އެ ކަން ފާހަގަކޮށް އިސްހާގުގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވުމުންނެވެ. ގާޒީއަށް އިންޒާރު ދިން މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.

ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން ޝިފާޒްގެ މައްޗަށް ދަށު ކޯޓުގައި ދައުވާ ސާބިތުވެފައެއް ނުވެ އެވެ. އެ މައްސަލާގައި ދޫވި ބައެއް މީހުންގެ މައްސަލަ ހައިކޯޓަށް ހުށަހެޅި ނަމަވެސް ޝިފާޒްގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފައެއް ވެސް ނުވެ އެވެ.

  • އިސްހާގުގެ ދަރިއަކު ގާޒީ އާދަމަށް އިންޒާރެއް ދީފައި އޮތުމުން މަސްލަހަތު ފުށުއަރާތީ ވަނީ ތަނާޒުލްވެފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން މައްސަލާގައި ދައުވާ އުފުލިފައިވާ އިސްހާގުގެ ދަރިއަކު މީގެ ކުރިން ގާޒީ އާދަމް މުހައްމަދަށް އިންޒާރެއް ދީފައި އޮތުމުން، މަސްލަހަތު ފުށުއަރާނެތީ ގާޒީ ވަނީ މައްސަލައިން ތަނާޒުލް ވެފައެވެ.

ކްރިމިނަލް ކޯޓުގައި ތިން ގާޒީންގެ ބެންޗަކުން ބައްލަވާ މި މައްސަލާގައި ގާޒީ އާދަމް މުހައްމަދަކީ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ. ދެން ބެންޗުގައި ތިއްބަވަނީ ގާޒީ ސޮފްވަތު ހަބީބާއި ގާޒީ މުހައްމަދު މިސްބާހެވެ.

މެއި 6 މައްސަލައި ގައި އެންމެފަހުން ބޭއްވި އަޑުއެހުން ފަށަމުން ގާޒީ އާދަމް މުހައްމަދު ވިދާޅުވީ ކްރިމިނަލް ކޯޓަށް މ. ކުދެހިގެ އިސްހާގުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވަނީ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާއާ ގުޅިގެން އިޝްހާގުގެ ދަރިއެއް ކަމަށްވާ މުހައްމަދު އިއުފާފު އިސްހާގު ގާޒީ އާދަމް މުހައްމަދުއަށް އިންޒާރު ދީފައިވާ ކަމެވެ. އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރޭގައި އިންޒާރު ދިން މީހާގެ ބޮޑުބެއެއް ކަމުގައިވާ މ. ކުދެހިގޭ ހަސަން ޝިފާޒް ވެސް ހިމެނެ އެވެ.

ގާޒީ އާދަމް ވިދާޅުވި ގޮތުގައި، މި މައްސަލަ ފެށިއިރު އަދި އިސްހާގުގެ ސިޓީ ލިބުމާ ހަމައަށް ވެސް އެ މައްސަލާގައި ގާޒީއަށް އިންޒާރު ދިން ފަރާތަކީ އިސްހާގުގެ ދަރިއެއް ކަން އޭނާއަށާއި މައްސަލާގައި ހިމެނޭ އެހެން ގާޒީއަކަށް ވެސް ފާހަގަ ކުރެވިފައި ނެތް ކަމަށެވެ.

އެހެން ކަމުން އިސްހާގުއާ މެދު ވަކި ގޮތަކަށް އަމަލު ކޮށްފާނެ ކަމަށް ބެލުމުގެ ފުރުސަތު އޮތުމުން މައްސަލައިން ތަނާޒުލްވާން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީއަށް އިންޒާރު ދިން މައްސަލަ ގެންދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު