ޔޯގާ ޑޭ ފާހަގަ ނުކުރަން އެއްވެސް އިދާރާއަކުން ނާންގާ: ޔޫތު މިނިސްޓްރީ
ޔޯގާ ޑޭގެ ހަރަކާތުގައި ޔޫތު މިނިސްޓަރު މަހްލޫފާއި ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގަންނަވަނީ
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ނުކުރަން ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން އާއި އެމިނިސްޓްރީ ގުޅިގެން ކަމަށެވެ. އަދި އެހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެދުވަސް ފާހަގަކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށް ބަޔާނުގައިވެ އެވެ.

އެގޮތުން 2014 އިން ފެށިގެން ޔޫތު މިނިސްޓްރީން އެކަމުގައި ބައިވެރިވަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށް ވާތީއާއި، އެހެން ހުރިހާ ގައުމުތަކުގެވެސް ކުޅިވަރު މިނިސްޓްރީން ބައިވެރިވާ އުސޫލުން ކަމަށް ބަޔާނުގައިވަނީ ބުނެފަ އެވެ.

"އިންޓަރނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން މި މިނިސްޓްރީއަށް އަންގާފައި ނުވާ ކަމުގައި ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

މީގެއިތުރުން ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފުވާނެ އެއްވެސް ކަމެއް އެމިނިސްޓްރީގެ ފަރާތުން ނުހިންގާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ބުނެފައިވެ އެވެ.

ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވަނީ ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންތައްތަކެއް ކަމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެފަދަ މައްސަލަތަކާއި ގުޅިގެން އިދާރާތަކުން ސާފުކޮށް ރައުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޔޫތު މިނިސްޓްރީން މިހެން ބުނި ނަމަވެސް ޔޯގާ ހެދުން އިސްލާމީ ޝަރީއަތާ ހިލާފު ކަމަށާއި އެ ކަން ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާކަން ވަނީ ހާމަވެފަ އެވެ.

ޔޯގާ ހަރަކާތް ގަލޮޅު ދަނޑުގައި ބޭއްވީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ޔޯގާ ފާހަގަކުރި ހަރަކާތުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވާއިރު، ޔޯގާ އަކީ ހަރާމް އެއްޗެއް ކަމަށާއި، އެއީ ހިންދޫ ދީނުގެ އަޅުކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި އެކަން ހުއްޓުވައި ދިނުމަށް ފުލުހުންގެ ކިބައިން ވެސް އެ މިނިސްޓްރީން އޮތީ އެދިފަ އެވެ.

"އިސްވެ ދެންނެވި ސަބަބުތަކާ ހެދި، އިސްލާމީ ޝަރީއަތާ ހިލާފްކަމަކަށްވާތީ އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަމަކަށް ވާތީ، އިސްލާމީ ޝަރީއަތާއި ގާނޫނާއި ގަވައިދުތައް ނެގެހެއްޓުމަށް، މި ފަދަ ކަންތައް ކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ދަންނަވަމެވެ." އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ސޮއި ކުރައްވައި، ފޮނުއްވި ސިޓީގައި ބުނެފައި ވެ އެވެ. 

މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:30 ހާއިރު ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް ބަޔަކު ވަދެ އިންޒާރު ދީ ތަކެއްޗަށް ގެއްލުންދީފައިވެ އެވެ. އެ މައްސަލާގައި މިހާތަނަށް 11 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ސިޓީއާ ގުޅިގެން ފުލުހުން ވެސް މާ ބޮޑު ފިޔަވަޅެއް އަޅާފައި ނުވާއިރު ޔޯގާ ހަރަކާތް ހުއްޓުވުމަށް އެ މުއައްސަސާގެ އިހުމާލު އޮތް ކަމަށް ވެސް ތުހުމަތުކުރެ އެވެ. އެކަމާ ގުޅިގެން އިންޓާނަލް ރިވިއުއެއް ހަދާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު