ޚަބަރު
ރައީސް ނެރުއްވި ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރު ބާތިލްކުރަން އިދިކޮޅު ޕީޕީއެމުން ހުށަހެޅި މައްސަލާގެ ޝަރީއަތަށް އެ ޕާޓީން ހާޒިރުނުވުމުން އެ މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވާ ގޮތުން، އެ މައްސަލަ ބޭރުކޮށްލަން ކޯޓުން ނިންމި ސަބަބަކީ ޕީޕީއެމްގެ ވަކީލުންނަށް ހާޒިރުވާން ކޯޓުން އެންގުމުން ވެސް މައްސަލައިގެ އަޑުއެހުންތަކަކަށް ވަކީލުން ހާޒިރު ނުވުމެވެ.

ސިވިލް ކޯޓުގެ އެ ނިންމުމާ ގުޅިގެން ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ދެން އަމަލު ކުރާނެ ގޮތެއް އަދި ނޭނގެ އެވެ. މަގްބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރުނުވުމަކީ ދައުވާ ބޭރުކޮށްލެވޭ ސަބަބެކެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް އިދިކޮޅު ކޯލިޝަނުން ކުރިޔަށްގެންދާ ހަރަކާތް ހުއްޓުވަން އިދާރާތަކަށް އަންގައި ރައީސް ގަރާރެއް ނެރުއްވީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުގަ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ އިން ސިފައިން ބާލަން ގޮވާލައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މީގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ސަރުކާރުން ގަރާރެއް ނެރުނީ "އިންޑިއާ އައުޓް" ލިޔެފައިވާ ބޮޑެތި ބެނާތައް މާލޭގައި ދަމަން ފެށުމާ ގުޅިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ނެގި އެފަދަ ބެނާ އަކީ ޔާމީންގެ ގޭގައި ދެމި ބެނާ އެވެ.

ސަރުކާރުގެ އިސް ބޭފުޅުންނާއި އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް ނުރައްކާތެރި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެ ކުރުން ހުއްޓުވުމާއި ޓެރަރިޒަމްގެ ހަރަކާތްތައް ހުއްޓުވޭނެ އަސްކަރީ ގާބިލް ކަން އިތުރު ކުރުމެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު